ސިކްސްތު ޖެނެރޭޝަންގެ ހަނގުރާމަމަތީ މަތިންދާބޯޓުގެ ޓެކްނޮލޮޖީ ހޯދުމަށްޓަކައި، ފަރަންސޭސީވިލާތުގެ ފިއުޗާ ކޮމްބެޓް އެއާ ސިސްޓަމް (އެފްކާސް) ޕްރޮގްރާމުގައި ބައިވެރިވުމަށް އިންޑިއާއިން މަސައްކަތްތަކެއް ފަށައިފިއެވެ. މިކަން އިންޑިއާއިން ރަސްމީކޮށް ކަށަވަރުކޮށްދިނީ، މި މަހު ދިފާއީ ވުޒާރާއިން ގާނޫނުހަދާ މަޖިލީހަށް ހުށަހެޅި ދިފާއީ ކޮމިޓީގެ 25 ވަނަ ރިޕޯޓުގައެވެ.
ނަމަވެސް، މަސައްކަތާއި ފަންޑުކުރުމާއި ޓެކްނޮލޮޖީ ބަދަލުކުރުމާ ބެހޭ ގޮތުން އަދި އެއްވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ. ކޮމިޓީން ވަނީ ބައިވެރިވުމުގެ ތާވަލާއި މަގުޗާޓު ހިމެނޭ ތަފްސީލީ ރިޕޯޓެއް ހުށަހެޅުމަށް ދިފާއީ ވުޒާރާގައި އެދިފައެވެ.
އިންޑިއާއިން މި ނިންމުން ނިންމީ، ޑަސޯ އާއި އެއާބަސް ދެމެދު އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ފަރަންސޭސީވިލާތާއި ޖަރުމަނުވިލާތުން ގުޅިގެން ކުރިއަށްގެންދިޔަ މަޝްރޫއު ޖޫން މަހު ހުއްޓާލައި، ފްރާންސުން އަމިއްލައަށް ކުރިއަށްގޮސް އާ ބައިވެރިންނަށް ފުރުސަތު ހުޅުވާލި ދަނޑިވަޅެއްގައެވެ. 2017 ގައި ފެށި މި މަޝްރޫއުގައި ސްޕެއިންވެސް ބައިވެރިވިއެވެ.
އިންޑިއާ މި މަޝްރޫއަށް ޝައުގުވެރިވެފައި މިވަނީ، ވައިގެ ސިފައިންނަށް ހަނގުރާމަމަތީ ޖެޓް ދަތިވެފައިވާ ދަނޑިވަޅެއްގައެވެ. މިދިޔަ އަހަރު މިގް-21 ބޯޓުތައް ބޭނުންކުރުން ހުއްޓާލުމަށްފަހު، މުސްކުޅި ޖެގުއާ އަދި މިރާޖް 2000 ބޯޓުތައްވެސް ކުރިއަށް އޮތް ތަނުގައި ބޭނުންކުރުން ހުއްޓާލާނެއެވެ. މީގެ އިތުރުން، އިނގިރޭސިވިލާތް، އިޓަލީ އަދި ޖަޕާނުގެ ޖީކެޕް ޕްރޮގްރާމަށް ވަނުމުގެ ފުރުސަތު އިންޑިއާއަށް ކުޑައެވެ. އަނެއްކޮޅުން ފްރާންސަކީ އިންޑިއާއާއެކު ޒަމާންވީ ދިފާއީ ގުޅުމެއް އޮތް ގައުމެކެވެ.
އިންޑިއާ މި މަޝްރޫއާ ގުޅުނު ކަމުގައިވިޔަސް، ފުރަތަމަ ޓެސްޓު ބޯޓު ފެންނާނީ 2031-2032 ހިސާބުގައި ކަމަށާއި، ޚިދުމަތަށް ނުކުންނާނީ 2040 ގެ އަހަރުތަކުގައި ކަމަށް ބެލެވެއެވެ.
ކޮމެންޓު ފޮނުވާ