ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން މި މަހުގެ 14 ވަނަ ދުވަހު އިސްލާމީ މަރުކަޒުގައި ފެށުމަށް އިސްލާމީ ކަންތައްތަކާއި އަޥުޤާފާ ބެހޭ ވުޒާރާއިން ތައްޔާރުވެއްޖެއެވެ.
"21 ވަނަ ޤަރުނުގައި އިސްލާމީ ދަޢުވަތު" ޝިޢާރުގެ ދަށުން ދެ ދުވަހަށް ކުރިއަށްދާ މި ބައްދަލުވުން ރަސްމީކޮށް އިފްތިތާޙު ކުރުމުގެ ޚާއްޞަ ރަސްމިއްޔާތު އޮންނާނީ ހުކުރު ދުވަހުގެ ރޭ 20:30 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވުމަށް ހަމަޖެހިފައިވަނީ އިސްލާމިކް މިނިސްޓްރީގެ ދަޢުވަތަކަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ސަޢުދީ ޢަރަބިއްޔާގެ ކިންގް ފަހަދު ޔުނިވަރސިޓީ އޮފް ޕެޓްރޯލިއަމް އެންޑް މިނަރަލްސްގެ ޕްރޮފެސަރ ޑޮކްޓަރ މުސްފިރު ބިން ޢަލީ އަލްޤަޙްޠާނީއެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މި ބައްދަލުވުން ބަހާލެވިފައި ވަނީ ތަފާތު އެކި ދަންފަޅިތަކަށެވެ. އެގޮތުން މި ޒަމާނުގައި ދީނީ ދަޢުވަތު ފެތުރުމުގައި ހުރި ގޮންޖެހުންތަކާއި ފުރުޞަތުތަކާ ގުޅޭ ގޮތުން ތަފާތު މުހިއްމު މަޢުޟޫޢުތަކަށް ޢިލްމީ ބަޙުޘްކޮށް، ބައިވެރިވާ ޢިލްމުވެރިންނަށް މަޢުލޫމާތު ދިނުމުގެ ޚާއްޞަ ސެޝަންތައް ކުރިއަށްދާނެއެވެ.
ރާއްޖޭގެ ދީނީ ޢިލްމުވެރިން އެއް ތަނަކުން ބައްދަލުވެ، ދީނީ އަދި އިޖުތިމާޢީ ކަންކަމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް މަގުފަހި ކޮށްދޭ މި ބައްދަލުވުން، ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ބާއްވަން ފެށީ 2024 ވަނަ އަހަރުއެވެ. އެ އަހަރާއި 2025 ވަނަ އަހަރު ވެސް ބައްދަލުވުން ކުރިއަށް ގެންދިޔައީ ކާމިޔާބުކަމާއެކުއެވެ.
ކޮމެންޓު ފޮނުވާ