މި އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ތެރެއިން އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އާއި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް މަރުގެ އިންޒާރުތަކެއް ދީފައިވާ ކަން، އެމެރިކާގެ ފުލުހުންގެ ރިޕޯޓަކުން ހާމަވެއްޖެ އެވެ.
ސްޕެއިންގެ ކުޅިވަރު ނޫސް 'މާކާ’އިން މި ރިޕޯޓާ ހަވާލާދީ ބުނެފައިވާ ގޮތުގައި، މުބާރާތުގެ ތެރެއިން އެންމެ ގިނަ އިންޒާރުތައް ލިބުނީ މެސީއަށެވެ. އެގޮތުން، އާޖެންޓީނާ އާއި އުރުދުން ބައްދަލުކުރި މެޗުގެ ކުރިން މީހަކު ޑެލަސް އެއާޕޯޓަށް ގުޅައި، އަމިއްލައަށް ހަދާފައިވާ ބޮމަކާއި އޭއާރް-15 މަރުކާގެ ބަޑިއަކާ އެކު އިތުރު ދެ މީހަކު ގޮވައިގެން ދަނޑަށް ވަންނާނެ ކަމުގެ އިންޒާރު ދިން ކަމަށް ބުނެފައިވެ އެވެ. އެ މީހާގެ އަމާޒަކީ މެސީ މަރާލުން ކަމަށާއި، ދެ ޓީމުގެ ކުޅުންތެރިންނާއި ފުލުހުންނަށް ވެސް ހަމަލާދޭނެ ކަމަށް ފޯނު ކޯލުގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން، އާޖެންޓީނާ އާއި މިސްރު ބައްދަލުކުރި މެޗުގެ ކުރިން މީސްމީޑިއާގައި މީހަކު ކުރި ޕޯސްޓެއްގައި، ހަތަރު ބޮން ހަށިގަނޑުގައި ހަރުކޮށްގެން އެޓްލާންޓާ ސްޓޭޑިއަމަށް ވަދެ މެސީ ގޮއްވާލާނެ ކަމަށް ބުނެފައިވާ ކަމަށް ވެސް 'މާކާ’ގައި ބުނެފައިވެ އެވެ. ހަމަ އެ މެޗުގެ ތެރެއިން ދަނޑުގެ ޑަސްބިންތަކެއްގައި ތިން ބޮން ހުރި ކަމަށް ބުނެ ލިބުނު ރިޕޯޓަކާ ގުޅިގެން، ބޮން ނުކުޅެދޭ ގޮތް ހަދާ ޚާއްސަ ޓީމުތަކާއި ކުއްތާ ބޭނުންކޮށްގެން ދަނޑު ފާސްކުރި ނަމަވެސް، އެއީ ދޮގު ރިޕޯޓެއް ކަން ފަހުން ކަށަވަރުވި ކަމަށް ފުލުހުންނާ ހަވާލާދީ ރިޕޯޓުތައް ބުނެ އެވެ.
މެސީގެ އިތުރުން ރޮނާލްޑޯއަށް އިންޒާރު ދިން މައްސަލަތަކެއްގައި ވެސް ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް 'މާކާ’އިން ބުނެ އެވެ. ރޮނާލްޑޯ ހުރި ތަނުގެ މައުލޫމާތު ހޯދަން މަސައްކަތްކުރި މީހެއްގެ މައްސަލަ ފީފާއިން އެފްބީއައިއަށް ހުށަހެޅުމުން، ޕޯޗުގަލް ޓީމު ތިބި ހޮޓަލުން ހިއުސްޓަންގެ ފުލުހުން އެ މީހާ ހައްޔަރުކުރި އެވެ. ޓޮރޮންޓޯގައި ރޮނާލްޑޯއާ އެކު ސެލްފީއެއް ނަގަން ކަމަށް ބުނެ ލިފްޓަކަށް އަރަން އުޅުނު މީހަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ކުޅުންތެރިންގެ އިތުރުން މެޗުތަކުގެ އޮފިޝަލުންނަށް ވެސް ވަނީ މަރުގެ އިންޒާރުތައް ލިބިފަ އެވެ. އާޖެންޓީނާ އާއި މިސްރު ބައްދަލުކުރި މެޗުގެ ރެފްރީ، ފްރާންސްގެ ފްރާންސުވާ ލެޓެކްސިއޭއަށް 6،000 އަށް ވުރެ ގިނަ ނަފްރަތުގެ މެސެޖު ލިބުމާ ގުޅިގެން، ފްރާންސްގައި ހުންނަ އޭނާގެ ގެއާއި އާއިލާއަށް ދޭ ސަލާމަތީ ރައްކާތެރިކަން ވެސް ވަނީ އިތުރުކޮށްފަ އެވެ. އަދި އެ މެޗުގެ ވީޑިއޯ އެސިސްޓަންޓް ރެފްރީ ވިލީ ޑެލަޖޯޑަށް ވެސް މިފަދަ އިންޒާރުތަކެއް ލިބުނު ކަމަށް މީޑިއާތަކުން ބުނެ އެވެ.
ސްޕެއިން ކާމިޔާބުކުރި މި މުބާރާތުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި، އެފްބީއައި އާއި އިންޓަނޭޝަނަލް ޕޮލިސް ކޯޕަރޭޝަން ސެންޓަރު (އައިޕީސީސީ) ގުޅިގެން ބޮޑެތި އޮޕަރޭޝަންތަކެއް ހިންގި ކަމަށް ފުލުހުންގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. މުބާރާތުގެ ތެރޭގައި ދިން ހުރިހާ އިންޒާރުތަކަކީ ވެސް ދޮގު އިންޒާރުތަކެއް ކަން ފަހުން ކަށަވަރުވި ނަމަވެސް، ކޮންމެ މައްސަލައެއް ވެސް ސީރިއަސްކޮށް ބަލައި، ކުޅުންތެރިންނާއި އޮފިޝަލުންގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ފިޔަވަޅުތައް އެޅި ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެފައިވެ އެވެ.
ކޮމެންޓު ފޮނުވާ