އޭޝިއާގެ ސާފިންގެ މައި އިދާރާގެ ނައިބު ރައީސްކަން ސޮބާހަށް

އޭޝިއާގެ ސާފިންގެ މައި އިދާރާގެ ނައިބު ރައީސްކަން ސޮބާހަށް

Author
އަހުމަދު
09 އޮގަސްޓް 2026 12:55
0

އޭޝިއަން ސާފިން ފެޑެރޭޝަން (އޭއެސްއެފް)ގެ ނައިބު ރައީސްކަމަށް، ރާއްޖޭގެ ސާފިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު ސޮބާހް (ޗޭ) އިންތިހާބުކޮށްފި އެވެ.

ދެކުނު އޭޝިއާ ސަރަހައްދު ތަމްސީލުކުރާ މަންދޫބުގެ ގޮތުގައި ސޮބާހް މި މަގާމަށް ހޮވިވަޑައިގަތީ ހުކުރު ދުވަހު އޮންލައިންކޮށް ބޭއްވި އޭއެސްއެފްގެ ކޮންގްރެސްގަ އެވެ. ސޮބާހަކީ 2001 ވަނަ އަހަރު ރާއްޖޭގެ ސާފިން އެސޯސިއޭޝަން އުފެއްދުމުގައި އިސް ދައުރެއް އަދާކުރެއްވި ފައުންޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

މި ކޮންގްރެސްގައި 15 އަހަރަށް ފަހު އޭއެސްއެފަށް ވަނީ އާ ރައީސަކު ވެސް އިންތިހާބުކޮށްފަ އެވެ. 2011 ވަނަ އަހަރުން ފެށިގެން މި މަގާމުގައި ހުންނެވި ޖަޕާނުގެ އަސޫޝީ ސަކާއީ މި ފަހަރު ވާދަނުކުރެއްވުމުން، އާ ރައީސްކަމަށް ހޮވިވަޑައިގެންފައި ވަނީ އިންޑިއާ ސާފިން ފެޑެރޭޝަންގެ ރައީސް އަރުން ވާސޫ އެވެ.

ރައީސްގެ ދަށުން، އޭޝިއާގެ ހަތަރު ސަރަހައްދު ތަމްސީލުކުރައްވާ ހަތަރު ނައިބު ރައީސުން އޭއެސްއެފްގައި ތިއްބަވަ އެވެ. ދެކުނު އޭޝިއާ ސަރަހައްދު ތަމްސީލުކުރައްވާ ނައިބު ރައީސްކަން ރާއްޖޭގެ ސޮބާހަށް ލިބިވަޑައިގެންނެވިއިރު، މެދުއިރުމަތި އަދި މެދުތެރޭ އޭޝިއާގެ ނައިބު ރައީސްކަން ކުރައްވަނީ ސައުދީ އަރަބިއާގެ ހަސަން އަޖާޖެވެ. އިރުމަތީ އޭޝިއާ ސަރަހައްދު ތަމްސީލުކުރައްވަނީ ޗައިނާގެ ޗަންޗެން ޖޯ އެވެ. އަދި ހުޅަނގު އޭޝިއާގެ ނައިބު ރައީސްކަން ކުރައްވަނީ އިރާނުގެ އަލީ ރެޒާ ރޮސްތަމީ އިއްޒަތެވެ.

މީގެ އިތުރުން އޭއެސްއެފްގެ ޖެނެރަލް ސެކްރެޓަރީއަކީ ޖަޕާނުގެ ނޮބުނޮރީ ސައިތޯ އެވެ. އަދި އެގްޒެކެޓިވް ކޮމިޓީގައި އިންޑޮނޭޝިއާ، ޖަޕާން، އަފްޣާނިސްތާން އަދި ޗައިނާ ތަމްސީލުކުރާ މެންބަރުން ތިއްބަވަ އެވެ. މި ކޮމިޓީގެ ދައުރު 2030 ވަނަ އަހަރު ހަމަވާނެ އެވެ.

ސޮބާހް މި މަގާމަށް އިންތިހާބުވުމަކީ ރާއްޖޭގެ ސާފިން ކޮމިޔުނިޓީ އަށާއި މުޅި ދިވެހި ކުޅިވަރަށް ވެސް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ސާފިން އެސޯސިއޭޝަނުން ސިފަކޮށްފައިވެ އެވެ. ސޮބާހްގެ ރައީސްކަމުގެ ދައުރުގައި ރާއްޖޭގެ ސާފަރުން ވަނީ ފުރަތަމަ ފަހަރަށް އޭޝިއަން ގޭމްސް އަށް ކޮލިފައިވެ، އަންނަ މަހު ޖަޕާނުގެ އައިޗީ އާއި ނަގޯޔާގައި ފަށާ ގޭމްސްގެ ސާފިން އިވެންޓުގައި ވާދަކުރުމުގެ ފުރުސަތު ހޯދައިފަ އެވެ. އަދި ރާއްޖޭގެ ގައުމީ މުބާރާތްތަކުގައި ފުރަތަމަ ފަހަރަށް އަންހެން ސާފަރުންނަށް ވާދަކުރުމުގެ ފުރުސަތު ފަހިކޮށްދީ، ފުރަތަމަ އަންހެން ގައުމީ ޓީމު ވެސް އިއުލާން ކުރީ އޭނާގެ ދައުރުގަ އެވެ.

ކުޅިވަރުގެ އިތުރުން ސޮބާހަކީ އިޖުތިމާއީ އަދި ދީނީ ހޭލުންތެރި ކުރުވުމުގެ މަސައްކަތުގައި ވެސް ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ކުރިން ޖަމިއްޔަތުއްސަލަފުގެ ޖެނެރަލް ސެކްރެޓަރީކަން ކުރެއްވި ސޮބާހަކީ މިހާރު ޕީސް ފައުންޑޭޝަންގެ ރައީސް ވެސް މެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.