ކޮލަމްބިއާގެ އައު ރައީސްކަމުގެ ހުވާ، ކަނާތު ފިޔައިގެ ވަކީލު އަބެލާޑޯ ޑި ލާ އެސްޕްރިއޭލާ ހުކުރު ދުވަހު ކުރައްވައި، ހަތިޔާރު އެޅި ޖަމާއަތްތަކާއެކު ގެންގުޅެމުން އައި މަޝްވަރާގެ ސިޔާސަތު ނިމުމަކަށް ގެންނަވާނެ ކަމަށް އިއުލާނު ކުރައްވައިފި އެވެ.
އުމުރުން 48 އަހަރުގެ ޑި ލާ އެސްޕްރިއޭލާ ހުވާ ކުރެއްވި ރަސްމިއްޔާތު ބޭއްވީ، ޒަމާނުއްސުރެ މި ރަސްމިއްޔާތު ކުރިއަށްގެންދާ ވެރިރަށް ބޮގޯޓާގައި ނޫން، ހުޅަނގު ދެކުނުގެ ސިޓީ ކާލީގަ އެވެ. މި ސަރަހައްދަކީ ހަތިޔާރު އެޅި ޖަމާއަތްތަކުގެ ހަރަކާތްތައް އެންމެ ބޮޑަށް ފެންނަ އެއް ސަރަހައްދުކަމުން، މި ނިންމުމަކީ އޭނާގެ ސިޔާސީ މިސްރާބު ހާމަކޮށްދޭ ރަމްޒީ ޚިޔާރެއް ކަމަށް ބެލެވެ އެވެ.
"ގައުމުގެ ހަމަޖެހުމަށް ބުރޫއަރާ ފަދަ އެއްވެސް ކަމަކަށް މި ސަރުކާރުން ފުރުސަތެއް ނުދޭނަން،" ޑި ލާ އެސްޕްރިއޭލާ ވިދާޅުވި އެވެ. "މަސްތުވާތަކެތީގެ ޓެރަރިޒަމް" އެއްކޮށް ނައްތާލައްވާނެ ކަމަށާއި، ހަތިޔާރު އެޅި ޖަމާއަތްތަކާއެކު މަޝްވަރާކުރުމުގެ ދޮރު މުޅިން ބަންދުވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ސަޕޯޓަރުންގެ މެދުގައި "އެލް ޓިގްރޭ" ނުވަތަ މިނިކާވަގުގެ ނަމުން މަޝްހޫރު ޑި ލާ އެސްޕްރިއޭލާ އަކީ ސިޔާސީ ދާއިރާއަށް އަލަށް ނުކުމެވަޑައިގެންނެވި ބޭފުޅެކެވެ. މީގެ ކުރިން އިންތިޚާބީ އެއްވެސް މަގާމެއް ފުރުއްވާފައި ނުވާއިރު، އޭނާ މަޝްހޫރުވެ މުއްސަނދިކަން ހޯއްދެވީ ވަކީލެއްގެ ގޮތުގަ އެވެ. އޭނާގެ ކެމްޕޭން ޚަރަދުތައްވެސް ބޮޑަށް ހަމަޖެއްސެވީ އަމިއްލަ ފައިސާއިންނެވެ.
އޭނާ ވެރިކަމަށް ވަޑައިގަތުމަކީ ފާއިތުވި ހަތަރު އަހަރު ކޮލަމްބިއާގައި ވެރިކަން ކުރެއްވި، ކުރީގެ ހަނގުރާމަވެރި، ވާތު ފިޔައިގެ ލީޑަރު ގުސްތާވޯ ޕެޓްރޯގެ ސިޔާސަތުތަކުން މުޅިން ދުރަށް ޖެހިލުމެއް ކަމަށް ސިޔާސީ ތަޖުރިބާކާރުން ސިފަކުރައްވަ އެވެ. ޖޫން މަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕެޓްރޯގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓު ބަލި ކުރައްވައި ޑި ލާ އެސްޕްރިއޭލާ އިންތިޚާބު ކާމިޔާބު ކުރެއްވި ނަމަވެސް، ނަތީޖާ ކައިރި ވުމުން ގައުމު ފިކުރީ ގޮތުން ބައިބައިވެފައިވާ މިންވަރު ހާމަވެ އެވެ.
ސަރުކާރުގެ ޚަރަދުތައް 40 އިންސައްތައާ ހަމައަށް ކުޑަކުރުމަށާއި، ތެލާއި ގޭހުގެ ސިނާއަތް އަލުން ދިރުވުމަކީ އޭނާގެ މައިގަނޑު ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ޒިންމާދާރު ގޮތެއްގައި "ފްރެކިންގް" ނުވަތަ ބިމުގެ އަޑިން ތެލާއި ގޭސް ނެގުމުގެ މަސައްކަތް ފެއްޓެވުމަށާއި، ދައުލަތުގެ ތެޔޮ ކުންފުނި "އެކޯޕެޓްރޯލް" ވަރުގަދަކުރެއްވުމަށްވެސް އޭނާ ވަނީ ގޮވާލައްވާފަ އެވެ. ވިޔަފާރިވެރިންނާ މުޚާތަބު ކުރައްވަމުން، އޭނާގެ ސަރުކާރު ވެގެންދާނީ ކޮލަމްބިއާގައި އިންވެސްޓްކުރުމުގެ އެންމެ ގާތް ބައިވެރިޔާ ކަމަށްވެސް ވިދާޅުވި އެވެ.
ޑި ލާ އެސްޕްރިއޭލާގެ ސިޔާސަތުތައް ފެންނަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޔާސަތުތަކާ ވަރަށް ބޮޑަށް އެއްގޮތް ކަންކަމުގެ ގޮތުގަ އެވެ. ޚާއްސަކޮށް، ލެޓިން އެމެރިކާގެ މަސްތުވާތަކެތީގެ ކުށްތަކާ ދެކޮޅަށް އަސްކަރީ ބާރު ބޭނުންކުރުމަށް ތާއީދު ކުރެއްވުމަކީ ދެ ލީޑަރުންގެ ދެމެދުގައި ސިޔާސީ ގޮތުން ގުޅުން ބަދަހި ކުރާ ކަމެކެވެ. ޓްރަމްޕް ވަނީ ޑި ލާ އެސްޕްރިއޭލާގެ ކެމްޕޭނަށްވެސް ޢާއްމުކޮށް ތާއީދު ކުރައްވާފަ އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހުކުރު ދުވަހު އިއުލާނު ކުރި ގޮތުގައި، އައު ސަރުކާރަށް ސަލާމަތީ އެހީގެ ގޮތުގައި 1 ބިލިއަން ޑޮލަރު ދިނުމަށް ޓްރަމްޕްގެ ސަރުކާރުން ވަނީ ރާވާފަ އެވެ. ނަމަވެސް މި އެހީ ދިނުމަށް އެމެރިކާގެ ކޮންގްރެސްގެ ހުއްދަ ބޭނުންވާނެ އެވެ. މި އެހީގެ ދަށުން، މާރިޗު މަހު ޓްރަމްޕްގެ ސަރުކާރުން އުފެއްދި "ޝީލްޑް އޮފް ދަ އެމެރިކާސް" އިއްތިހާދުގައި ކޮލަމްބިއާ ބައިވެރިވާނެ ކަމަށްވެސް އައު ރައީސް ވަނީ ވައުދުވެވަޑައިގެންފަ އެވެ.
ޚާރިޖީ ސިޔާސަތުގައި ބޮޑެތި ބަދަލުތަކެއް ގެންނަވާނެ ކަމުގެ އިޝާރާތެއްވެސް ޑި ލާ އެސްޕްރިއޭލާ ވަނީ ދެއްވާފަ އެވެ. އިސްރާއީލާއެކު އަލުން ސިޔާސީ ގުޅުން ގާއިމުކުރެއްވުމަށާއި، ކިއުބާ އަދި ނިކަރާގުއާ އަކީ "ޚުދުމުޚުތާރު" ގައުމުތަކެއްގެ ގޮތުގައި ސިފަކުރައްވައި، އެ ގައުމުތަކާއެކު އޮތް ގުޅުން ކަނޑާލެއްވުމަށްވެސް އޭނާ ވަނީ ނިންމަވާފަ އެވެ.
ހުވާކުރުމުގެ ރަސްމިއްޔާތަށްފަހު، ޑި ލާ އެސްޕްރިއޭލާ ވަނީ ކައިރީގައި ހުރި އަސްކަރީ މަރުކަޒަކަށް ވަޑައިގެން ސިފައިންނާ ބައްދަލުކުރައްވާފަ އެވެ. މުޅި ސިޓީގައި ސަލާމަތީ ކަންކަން ވަރުގަދަކޮށްފައި ވަނިކޮށް، މަގުތަކުގައި ސިފައިންނާއި ހަތިޔާރު އެޅި އުޅަނދުތައް ބަހައްޓައި، ފުލުހުން ވަނީ ޗެކްޕޮއިންޓްތައް ގާއިމުކޮށް، އުޅަނދުތައް ބަލައި ފާސްކޮށްފަ އެވެ.
އެހެންނަމަވެސް، އައު ރައީސް ހުވާ ކުރެއްވި ދުވަހު ކާލީ، ބޮގޯޓާ އަދި ބަރަންކީލާ ފަދަ ސިޓީތަކުގައި ވަނީ އޭނާގެ ސިޔާސަތުތަކާ ދެކޮޅަށް މުޒާހަރާތައް ބާއްވާފަ އެވެ. ކާލީގެ ޕުއެރްޓޯ ރެސިސްޓެންސިއާ ސަރަހައްދުގައި މުޒާހަރާކުރި އުމުރުން 25 އަހަރުގެ ސެބަސްޓިއަން އޯކަމްޕޯ ބުނީ، ރައްޔިތުން ނުކުމެ ތިބީ އެމީހުންގެ ތާއީދު ނެތް ރައީސަކާ ދެކޮޅަށް "އިއްޒަތާއި ކަރާމާތް" ދިފާއު ކުރުމަށް ކަމަށެވެ.
ބޮގޯޓާގެ ޖަވޭރިއާނާ ޔުނިވާސިޓީގެ އިގްތިސާދީ މާހިރު ޖޯޖް ރެސްޓްރެޕޯ ވިދާޅުވި ގޮތުގައި، ޑި ލާ އެސްޕްރިއޭލާގެ ފުރަތަމަ ތަގުރީރުން ފެންނަނީ ތަފްސީލެއް ނެތް ސިޔާސީ އުސޫލުތަކާއި ނިޔަތްތަކެއް ކަމަށާއި، ކަންކަން ކުރައްވާނެ ގޮތުގެ ތަފްސީލު ހާމަނުކުރެއްވުމުން، ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމަކީ އުނދަގޫ ކަމަކަށް ވެގެންދާނެ ކަމަށެވެ.
ޑި ލާ އެސްޕްރިއޭލާ ވެރިކަމަށް ވަޑައިގެންނެވުމަކީ ލެޓިން އެމެރިކާގައި ކަނާތު ފިޔައިގެ ފިކުރު ފެތުރެމުންދާ ދިޔުމުގެ ސާފު ހެއްކެއް ކަމަށް ސިޔާސީ މާހިރުން ވިދާޅުވެ އެވެ. 2025 ވަނަ އަހަރު ޓްރަމްޕް އަލުން ވައިޓް ހައުސްއަށް ވަޑައިގެންނެވި ފަހުން، ޕެރޫގެ ކެއިކޯ ފުޖިމޯރީ، ޗިލީގެ ހޯސޭ އެންޓޯނިއޯ ކާސްޓް އަދި އާޖެންޓީނާގެ ހާވިއޭ މިލެއި ފަދަ ކަނާތު ފިޔައިގެ ލީޑަރުން ވަނީ ސަރަހައްދުގެ ހަތް ގައުމެއްގައި އިންތިޚާބުތައް ކާމިޔާބު ކުރައްވާފަ އެވެ.
ހުކުރު ދުވަހުގެ ރަސްމިއްޔާތުގައި ސްޕެއިންގެ ރަސްގެފާނު ފެލިޕޭ ހަވަނަ އާއި، އެމެރިކާގެ އެކްޓިން އެޓާނީ ޖެނެރަލް ޓޮޑް ބްލާންޗް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، މިލެއި އަދި ކާސްޓް ބައިވެރިވެވަޑައިގެންނެވި އެވެ.
ކޮމެންޓު ފޮނުވާ