ފާއިތުވި އަހަރު ރާއްޖޭގައި މަރުވި ދިވެހިންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނައީ ފިރިހެނުން ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ހެލްތު މިނިސްޓްރީއާ ގުޅިގެން އެކުލަވާލި "ރާއްޖޭގައި އުފަންވާ ކުދިންނާއި މަރުވާ މީހުން"ގެ ރިޕޯޓުގައި ބުނާ ގޮތުން، ފާއިތުވި އަހަރު ރާއްޖޭގައި ޖުމުލަ 1،398 ދިވެހިން މަރުވި އިރު، އޭގެ ތެރެއިން 858 މީހުން ނުވަތަ 61.4 ޕަސެންޓަކީ ފިރިހެނުންނެވެ.
އުމުރުފުރާތަކަށް ބަލާއިރު، މަރުވި އަންހެނުންނާއި ފިރިހެނުންގެ ތެރެއިން ވެސް އެންމެ ގިނަ ބަޔަކީ 65 އަހަރުން މަތީގެ މީހުންނެވެ. އޭގެ ފަހަތުން ދެ ވަނަ އަށް އެންމެ ގިނައީ 18 އަހަރާއި 64 އަހަރާ ދެމެދުގެ މީހުންނެވެ. މި އުމުރުފުރާގައި 131 އަންހެނުންނާއި 320 ފިރިހެނުން ފާއިތުވި އަހަރު މަރުވި އެވެ. ހުރިހާ އުމުރުފުރާއަކުން ވެސް ފިރިހެނުން މަރުވި ރޭޓު އަންހެނުންނަށް ވުރެ މަތި ކަން ފާހަގަކުރެވެ އެވެ.
ސަރަހައްދުތަކަށް ބަހާލައި ބަލާއިރު، މަރުވި މީހުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން މަރުވެފައި ވަނީ މާލޭގަ އެވެ. މާލެއަށް ފަހު އެންމެ ގިނަ މީހުން މަރުވެފައި ވާ ދެ ސަރަހައްދަކީ އެވްރެޖުކޮށް ހދ. އަތޮޅާއި އައްޑޫ އަތޮޅެވެ.
ފާއިތުވި އަހަރު 1،300 އަށް ވުރެ ގިނަ މީހުން މަރުވި ނަމަވެސް، ހަމަ އެ މުއްދަތުގައި ރާއްޖޭގައި 5،625 ކުދިން ވަނީ އުފަންވެފަ އެވެ.
ކޮމެންޓު ފޮނުވާ