ދަރިން ހޯދާ އުމުރު ފަސްވަނީ: މިދިޔަ އަހަރު އުފަންވި ކޮންމެ ހަތަރު ކުއްޖަކުން އެކަކީ 35 އަހަރުން މަތީގެ މަޔަކަށް ލިބުނު ކުއްޖެއް

ދަރިން ހޯދާ އުމުރު ފަސްވަނީ: މިދިޔަ އަހަރު އުފަންވި ކޮންމެ ހަތަރު ކުއްޖަކުން އެކަކީ 35 އަހަރުން މަތީގެ މަޔަކަށް ލިބުނު ކުއްޖެއް

Author
އަހުމަދު
07 އޮގަސްޓް 2026 09:28
0

މިދިޔަ އަހަރު ރާއްޖޭގައި އުފަންވި ކުދިންގެ 25 ޕަސެންޓަށް ވުރެ ގިނަ ކުދިންގެ މައިންގެ އުމުރު 35 އަހަރުން މަތި ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

"ވައިޓަލް ސްޓެޓިސްޓިކްސް ބުލެޓިން"ގައި ހާމަކޮށްފައިވާ ގޮތުން، މިދިޔަ އަހަރު ރާއްޖޭގައި ރަޖިސްޓްރީކުރި 5,625 އުފަންވުމުގެ ތެރެއިން 1,431 ކުދިންނަކީ އުމުރުން 35 އަހަރު ނުވަތަ އެއަށްވުރެ ދޮށީ މައިންނަށް ލިބުނު ކުދިންނެވެ. އަދި މީގެ ތެރެއިން 20.37 ޕަސެންޓް ނުވަތަ 1,146 ކުދިންގެ މައިންގެ އުމުރަކީ 35–39 އަހަރެވެ. 40 އަހަރާއި 44 އަހަރާ ދެމެދުގެ މައިންނަށް 274 ކުދިން ލިބިފައިވާއިރު، 45–49 އަހަރާ ދެމެދުގެ މައިންނަށް ވެސް 11 ކުދިން ލިބިފައިވެ އެވެ.

އަނެއްކޮޅުން، އުމުރުން 25 އަހަރުން ދަށުގެ މައިންނަށް ލިބުނު ކުދިންގެ ނިސްބަތް ވަނީ 14.92 ޕަސެންޓަށް (839 ކުދިން) ދަށްވެފަ އެވެ. މީގެ ތެރޭގައި ހިމެނެނީ 20–24 އަހަރާ ދެމެދުގެ މައިންނަށް ލިބުނު 774 ކުއްޖަކާއި 15–19 އަހަރާ ދެމެދުގެ މައިންނަށް ލިބުނު 65 ކުއްޖެކެވެ. މިއިން އެނގޭ ގޮތުގައި ދިވެހި އަންހެނުން ދަރިން ހޯދާ އުމުރު ދަނީ ފަސްވަމުންނެވެ.

އެންމެ ގިނަ ކުދިން އަދިވެސް އުފަންވަނީ އުމުރުން 25–34 އަހަރާ ދެމެދުގެ މައިންނަށެވެ. މުޅި އުފަންވުމުގެ 59.64 ޕަސެންޓް ނުވަތަ 3,355 ކުދިން މި އުމުރުފުރާއަށް ފެތެ އެވެ. ވަކިވަކި އުމުރުފުރާތަކަށް ބަލާއިރު، އެންމެ ގިނަ ކުދިން ލިބިފައި ވަނީ 30–34 އަހަރާ ދެމެދުގެ މައިންނަށެވެ. އެއީ 1,794 ކުދިން ނުވަތަ 31.89 ޕަސެންޓެވެ. ދެ ވަނައަށް 25–29 އަހަރާ ދެމެދުގެ މައިންނަށް 1,561 ކުދިން (27.75 ޕަސެންޓް) ލިބިފައިވެ އެވެ.

އަހަރުގެ އެކި ކުއާޓާތަކުގައި ޖުމްލަ އުފަންވުމުގެ އަދަދު ބަދަލުވި ނަމަވެސް، އުމުރުން 35 އަހަރުން މަތީގެ މައިންގެ ނިސްބަތް ހުރީ ދާދި އެއްވަރެއްގަ އެވެ. ފުރަތަމަ ކުއާޓާގައި 368 ކުދިން (25.79 ޕަސެންޓް)، ދެ ވަނަ ކުއާޓާގައި ވެސް 368 ކުދިން (26.67 ޕަސެންޓް)، ތިން ވަނަ ކުއާޓާގައި 346 ކުދިން (25.18 ޕަސެންޓް) އަދި ހަތަރު ވަނަ ކުއާޓާގައި 349 ކުދިން (24.17 ޕަސެންޓް) ދޮށީ މައިންނަށް ލިބުނެވެ. ކޮންމެ ކުއާޓާއެއްގައި ވެސް މި ނިސްބަތް ހުރީ 24 ޕަސެންޓަށް ވުރެ މަތީގަ އެވެ.

ސިއްހީ މާހިރުން ފާހަގަކުރައްވާ ގޮތުގައި، އުމުރުން 35 އަހަރުން މަތިވުމުން ބަލިވެ އިނުމަށް ހުރަސްތަކާ ދިމާވުމުގެ ފުރުސަތު ބޮޑުވެ، މާބަނޑުއިރު ލޭމައްޗަށް ދިއުމާއި ހަކުރުބަލި ފަދަ ސިއްހީ ނުރައްކާތައް އިތުރުވެ އެވެ. ހަމައެއާއެކު ދަރިފުޅަށް ޑައުން ސިންޑްރޯމް ފަދަ ކްރޮމޮޒޯމް މައްސަލަތަކާ ކުރިމަތިވުމުގެ ފުރުސަތު ވެސް ބޮޑުވެ އެވެ. އެހެންކަމުން މި އުމުރުގައި ބަލިވެ އިނުމުން، ހާއްސަ ސްކްރީނިންތަކާއި ގާތުން ބަލައި މޮނިޓަކުރުމުގެ މުހިންމުކަން ވަރަށް ބޮޑެވެ.

ދިވެހި މުޖުތަމައުގައި ދަރިން ހޯދާ އުމުރު ފަސްވަމުން ދިއުމަކީ ރާއްޖެއަށް އަންނަމުންދާ އިޖުތިމާއީ އަދި އިގުތިސާދީ ބަދަލުތަކާ ސީދާ ގުޅިފައިވާ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. އަންހެނުން މަތީ ތައުލީމު ހާސިލުކުރުމާއި، ވަޒީފާގެ ފުރުސަތުތަކަށް ނުކުތުމާއި، އަދި ސިޓީތަކަށް ބަދަލުވުމަކީ އޭގެ ތެރެއިން ފާހަގަކޮށްލެވޭ ސަބަބުތަކެވެ.

މި ބަދަލުތަކާ އެކު ރާއްޖޭގެ އާބާދީ އިތުރުވާ ރޭޓް ދަށްވެ، މުސްކުޅި އާބާދީއެއް އުފެދިދާނެ ކަމުގެ ކަންބޮޑުވުން ދަނީ ބޮޑުވަމުންނެވެ. ސްޓެޓިސްޓިކްސް ބިއުރޯއިން ދާދިފަހުން ނެރުނު ރިޕޯޓަކުން ދައްކާ ގޮތުގައި މިހާރު ވެސް ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ހިއްސާކުރަނީ 36–64 އަހަރާ ދެމެދުގެ މީހުންނެވެ. އުމުރުން 65 އަހަރުން މަތީގެ މީހުންގެ އަދަދު 26,825 އަށް އަރައި، މުޅި އާބާދީގެ 7 ޕަސެންޓަށް ވަނީ ފޯރައިފަ އެވެ. 2050 ވަނަ އަހަރު އަންނައިރު ރާއްޖޭގެ އާބާދީގެ އެވްރެޖް އުމުރު 50 އަށް އަރާނެ ކަމަށް އަންދާޒާކުރެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.