މާލެ، މއ. ކުދިމަގޫގެ ވިއްކާލުމަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން ތިންވަނަ ފަހަރަށް ބީލަމަށް ހުޅުވާލައި، ފެށޭ އަގުން އިތުރު ފަސް ލައްކަ ރުފިޔާ ކުޑަކޮށްފިއެވެ.
ނިކަގަސްމަގުގައި ހުންނަ، 830 އަކަފޫޓުގެ އެ ގޯއްޗާއި އިމާރާތް ވިއްކާލުމަށް ފުރަތަމަ ފަހަރަށް ބީލަމަށް ހުޅުވާލީ މި އަހަރުގެ ޖަނަވަރީ މަހުގައެވެ. އޭރު ބީލަން ފެށޭ އަގަކީ 12,650,000 ރުފިޔާއެވެ. ދެވަނަ ފަހަރަށް ޖުލައި މަހު އިއުލާންކުރިއިރު އެ އަގު 12,150,000 ރުފިޔާއަށް ދަށްކުރިއެވެ. ދެ ފަހަރުވެސް ކާމިޔާބު ބީލަންވެރިއަކު ނުލިބުމުން، މިއަދު ނެރުނު އިއުލާނުގައި ފެށޭ އަގު ބަޔާންކޮށްފައިވަނީ 11,650,000 ރުފިޔާގެ ގޮތުގައެވެ.
ބޭންކުން ބުނިގޮތުގައި، ކުދިމަގޫގެ ރަހުނުކޮށްގެން ނަގާފައިވާ ދެ މިލިއަން ރުފިޔާގެ ލޯނު ނުދެއްކުމުގެ ސަބަބުން، އެ ގެ ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން އެމްއައިބީއަށް ދިނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުއެވެ.
ބީލަން ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ ބުދަ ދުވަހުގެ މެންދުރު 13:00 ގެ ނިޔަލަށް ހުޅުވާލައިފައިވާއިރު، ބީލަން ހުށަހަޅާނީ އެމްއައިބީގެ ހެޑް އޮފީހުގެ ތިންވަނަ ފަންގިފިލާގައި ހުންނަ ބިޒްނަސް ޑިޕާޓްމަންޓުގައި ބަހައްޓާފައިވާ ނީލަން ފޮށްޓަށެވެ. އަދި ބުދަ ދުވަހުގެ 13:00 ގައި، ހާޒިރުވެ ތިބި ފަރާތްތަކުގެ ކުރިމަތީގައި ސިޓީތައް ކަނޑައި، އެންމެ މަތީ އަގު ހުށަހެޅި ފަރާތުގެ އަގު ނީލަން ފެށޭ އަގުގެ ގޮތުގައި އިއުލާންކުރާނެ ކަމަށް އެ ބޭންކުން ބުންޏެވެ.
ބީލަމުގައި ބައިވެރިވުމަށްޓަކައި އެއް ލައްކަ ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަން ޖެހޭނެއެވެ. އިތުރު މައުލޫމާތު ބޭނުންނަމަ އެމްއައިބީގެ 3044573 ނަންބަރު ފޯނަށް ގުޅުމުން ލިބޭނެ ކަމަށް ވެސް އެ ބޭންކުން ބުނެއެވެ.
ކޮމެންޓު ފޮނުވާ