އީރާނާ އެކު ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމުގެ އެއްބަސްވުމެއް ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ގާއިމުކުރެވިދާނެ ކަމަށް އެމެރިކާއިން ބުނެފި އެވެ.
އެމެރިކާގެ ޓްރެޒަރީ ސެކްރެޓަރީ ސުކޮޓް ބެސެންޓް ސީއެންބީސީއަށް އަންގާރަ ދުވަހު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ "މިއަދު ނުވަތަ މާދަމާ" އެއްބަސްވުމަކަށް އާދެވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. މިއީ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ދާދި ފަހުން ދެއްވި މެސެޖެކެވެ. މި ޚަބަރާ އެކު ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު ވަނީ ބޮޑުތަނުން ދަށްވެފަ އެވެ.
ހޯމަ ދުވަހު ވައިޓްހައުސްގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ޓްރަމްޕް ވިދާޅުވީ ސުލްހައިގެ ދޮރު އަދިވެސް ހުޅުވިފައި އޮތް ކަމަށާއި، ނަމަވެސް މިއީ "އީރާންގެ ދުވަސް ދުއްވާލުމުގެ" ކުރިން އެ ގައުމަށް ލިބޭނެ އެންމެ ފަހު ފުރުސަތު ކަމަށެވެ.
ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ކުއްލި ހަމަލާތަކާ އެކު ފެށުނު ހަނގުރާމައިގައި ވަގުތީ ގޮތުން ހަމަލާ ބަދަލުކުރުން ހުއްޓާލި ނަމަވެސް، ދާއިމީ ސުލްހަޔަކަށް ފާއިތުވި މަސްތަކުގައި ކުރެވުނު މަޝްވަރާތަކުން ހައްލެއް ފެނިފައެއް ނުވެ އެވެ.
ސުލްހައިގެ އުއްމީދު އާވި ނަމަވެސް ސަރަހައްދުގެ ހާލަތު އަދިވެސް ވަރަށް ނާޒުކެވެ. އަންގާރަ ދުވަހު ހޮރްމޫޒް ކަނޑުއޮޅި ހުރަސްކުރި ވިޔަފާރި މުދާ އުފުލާ އުޅަނދަކަށް ދިން ހަމަލާއެއްގައި އޭގެ ފަޅުވެރިއަކު ވަނީ ގެއްލިފަ އެވެ. މީގެ އިތުރުން ރަތްކަނޑުން ދަތުރުކުރި އިންޑިއާގެ އުޅަނދެއް ވެސް ހަމަލާއެއްގައި ވަނީ ފެތިފަ އެވެ.
ދުނިޔޭގެ ތެލާއި ގޭސް ބޭރުކުރުމުގައި އެންމެ މުހިންމު އެއް ދޮރާށި ކަމުގައިވާ ހޮރްމޫޒް ކަނޑުއޮޅި ވެފައި ވަނީ މި ހަނގުރާމައިގެ އެންމެ ބޮޑު ނުކުތާއަށެވެ. އީރާނުން ބޭނުންވަނީ އެ ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް ހޯދައި، ދަތުރުކުރާ އުޅަނދުފަހަރުން ފީ ނެގުމުގެ ބާރު ލިބިގަންނާށެވެ. ނަމަވެސް ހަނގުރާމައިގެ ކުރިން ވެސް އީރާނުން މިކަން ކޮށްފައި ނުވާތީ، މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ އެމެރިކާއިން އަންނަނީ ވަރުގަދައަށް ދެކޮޅު ހަދަމުންނެވެ.
ދެ ގައުމުގެ ދެމެދުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ގަތަރުން ބުނީ ވާހަކަތައް ހުއްޓުމެއް ނެތި ކުރިއަށްދާ ނަމަވެސް، އީރާނާއި އެމެރިކާއާ ދެމެދު ސީދާ ގޮތެއްގައި ބޭއްވޭ ބައްދަލުވުމެއް އަދި ރޭވިފައި ނުވާ ކަމަށެވެ. ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އަލް ސާނީ ވަނީ އަންގާރަ ދުވަހު ޓްރަމްޕާ ފޯނުން ގުޅުއްވައި މި މައްސަލައާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.
ކޮމެންޓު ފޮނުވާ