ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ސާފު ފައިދާގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިބި، މިދިޔަ އަހަރުގެ މި މުއްދަތާ އަޅައި ބަލާއިރު %21ގެ ކުރިއެރުމެއް ހޯދައިފި އެވެ.
ބީއެމްއެލް އިން އާއްމުކުރި މި އަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ރިޕޯޓު ދައްކާ ގޮތުން، ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި ބޭންކަށް 1.3 ބިލިއަން ރުފިޔާ ލިބުނުއިރު، ހިންގުމުގެ ފައިދާގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި ހަ މަސްދުވަހުގެ ޖުމްލަ އާމްދަނީ 3.2 ބިލިއަން ރުފިޔާއަށް އަރައި، ބޭންކުގެ ކޮސްޓް-ޓު-އިންކަމް ރޭޝިއޯ %28ގައި ހިފެހެއްޓިފައި އޮތުމަކީ ބޭންކުގެ ހިންގުމުގެ ހަރުދަނާކަން ދައްކުވައިދޭ ކަމެކެވެ.
ޖުމްލަ އާމްދަނީގެ ތެރެއިން 1.6 ބިލިއަން ރުފިޔާއަކީ އިންޓްރެސްޓުން ލިބުނު އާމްދަނީ އެވެ. އަދި ފީ އާއި ކޮމިޝަންގެ ގޮތުގައި 830 މިލިއަން ރުފިޔާ ބޭންކަށް ވަނީ ލިބިފަ އެވެ. ހަމައެކަނި ދެވަނަ ކުއާޓަރަށް ބަލާއިރު، ހިންގުމުގެ ފައިދާގެ ގޮތުގައި 887 މިލިއަން ރުފިޔާ އަދި ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 647 މިލިއަން ރުފިޔާ ބޭންކަށް ވަނީ ލިބިފަ އެވެ.
ބޭންކުގެ ބެލެންސް ޝީޓަށް އައި ކުރިއެރުމަށް ބަލާއިރު، ޖޫން 30ގެ ނިޔަލަށް ބީއެމްއެލްގެ ޖުމްލަ އެސެޓް ވަނީ 62.8 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ. ބޭންކުގެ ކުރިއެރުން އެންމެ ބޮޑަށް ދައްކުވައިދޭ އެއް މިންގަނޑު ކަމަށްވާ ކަސްޓަމަރުންގެ ޑިޕޮސިޓް 41.6 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، ޖުމްލަ ލޯނު ޕޯޓްފޯލިއޯ ވަނީ 30.5 ބިލިއަން ރުފިޔާއަށް އުފުލިފަ އެވެ.
މީގެ އިތުރުން، މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި މުޅިން އަލަށް 8 ބިލިއަން ރުފިޔާގެ ލޯނު ބީއެމްއެލް އިން ވަނީ ދޫކޮށްފަ އެވެ. މިއީ ރާއްޖޭގެ އިގްތިސާދުގައި ބޭންކުން ދޭ އެހީތެރިކަން އިތުރުވަމުން އަންނަ މިންވަރު ދައްކުވައިދޭ ހެއްކެކެވެ.
ކޮމެންޓު ފޮނުވާ