މިއަހަރުގެ މިހާތަނަށް ފަތުރުވެރިކަމުގެ ޓެކްސް (ޓީޖީއެސްޓީ) ގެ ގޮތުގައި ދައުލަތަށް 6.7 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.
މީރާއިން އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ ޖުލައި 16 ގެ ނިޔަލަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 6.2 ބިލިއަން ރުފިޔާއަށްވުރެ 475 މިލިއަން ރުފިޔާ ނުވަތަ %7.7 އިތުރުވެފައެވެ. މިއީ ފާއިތުވި ހަފުތާގައި ދައުލަތަށް ލިބުނު އެންމެ ބޮޑު އާމްދަނީވެސް މެއެވެ.
ޓީޖީއެސްޓީއާއި އާންމު ޖީއެސްޓީ ހިމަނައިގެން، މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކުހުގެ ޖުމްލަ އާމްދަނީ 9.7 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ ކުރީ އަހަރާ އަޅާބަލާއިރު %9.0 ގެ ކުރިއެރުމެކެވެ. މީގެ ތެރެއިން އާންމު ޖީއެސްޓީގެ ގޮތުގައި ލިބިފައިވަނީ 3.0 ބިލިއަން ރުފިޔާއެވެ. މިއީ %12.1 ގެ ކުރިއެރުމެކެވެ.
ޖުމްލަ ޓެކްސް އާމްދަނީ ވަނީ ކުރީ އަހަރުގެ 15.8 ބިލިއަން ރުފިޔާއިން 17.6 ބިލިއަން ރުފިޔާއަށް، ނުވަތަ %11.3 ކުރިއަރައިފައެވެ. ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާ ވެސް ވަނީ ކުރީ އަހަރުގެ 190.5 މިލިއަން ރުފިޔާއިން 438.8 މިލިއަން ރުފިޔާއަށް، ނުވަތަ %130.3 އިތުރުވެފައެވެ. މިއާއެކު ޖުމްލަ އާމްދަނީއާއި ހިލޭ އެހީ 23.0 ބިލިއަން ރުފިޔާއަށް އަރައި، ކުރީ އަހަރަށްވުރެ 1.9 ބިލިއަން ރުފިޔާގެ ކުރިއެރުމެއް ވަނީ ހޯދިފައެވެ. ނަމަވެސް ޓެކްސް ނޫން އާމްދަނީ ވަނީ 5.1 ބިލިއަން ރުފިޔާއިން 4.9 ބިލިއަން ރުފިޔާއަށް %2.9 ދަށްވެފައެވެ.
ޚަރަދުތަކަށް ބަލާއިރު، ދައުލަތުގެ ޖުމްލަ ޚަރަދު ވަނީ 24.5 ބިލިއަން ރުފިޔާއަށް އަރައި، ކުރީ އަހަރަށްވުރެ %21.0 އިތުރުވެފައެވެ. ޕޭ ހާމަނައިޒޭޝަނާއެކު މުސާރައަށްކުރާ ޚަރަދާއި ސަބްސިޑީ ޚަރަދު އިތުރުވުމުގެ ސަބަބުން ރިކަރަންޓް ޚަރަދު 21.4 ބިލިއަން ރުފިޔާއަށް، އަދި ކެޕިޓަލް ޚަރަދު 3.2 ބިލިއަން ރުފިޔާއަށް ވަނީ އަރައިފައެވެ. ޚާއްސަކޮށް ސަބްސިޑީއަށް ކުރި ޚަރަދު ވަނީ 1.7 ބިލިއަން ރުފިޔާއިން 3.1 ބިލިއަން ރުފިޔާއަށް، ނުވަތަ %86.3 އިތުރުވެފައެވެ. ކައުންސިލްތަކަށް ދޫކުރި ބްލޮކް ގްރާންޓް ވެސް ވަނީ %16.0 އިތުރުވެ 1.5 ބިލިއަން ރުފިޔާއަށް އަރައިފައެވެ.
މީގެ ސަބަބުން ބަޖެޓް ޑެފިސިޓް ވަނީ 1.5 ބިލިއަން ރުފިޔާއަށް އަރައިފައެވެ. މިއީ ކުރީ އަހަރުގެ މި މުއްދަތުގައި އޮތް 817.3 މިލިއަން ރުފިޔާގެ ސަރޕްލަހާ އަޅާބަލާއިރު ބޮޑު ބަދަލެކެވެ. ނަމަވެސް ދަރަނި އަދާކުރުމާއި އިންޓަރެސްޓް ޚަރަދު އުނިކޮށްފައި ބަލާއިރު، ޕްރައިމަރީ ބެލެންސް އަދިވެސް 1.2 ބިލިއަން ރުފިޔާގެ ސަރޕްލަހެއްގައި ދެމިއޮތް ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ