ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ޑޮލަރު ހުރި ކަމަށާއި، މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އެކަނިވެސް 226 މިލިއަން ޑޮލަރުގެ ލޯނު ދޫކޮށްފައިވާ ކަމަށް އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
"ޔޫތު އޮންޓްރަޕްރިނަސް އެކްސްޕޯ" ހުޅުވުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަދައްކަވަމުން ޝަރީފު ވަނީ ބޭންކުގައި ޑޮލަރު ނެތްކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވާފައެވެ. އެގޮތުން 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ޑޮލަރުން ދޫކުރި ލޯނުގެ ޖުމްލަ އަދަދަކީ 249 މިލިއަން ޑޮލަރު ކަމަށާއި، ނަމަވެސް 2024 ވަނަ އަހަރު އިތުރު 142 މިލިއަން ޑޮލަރު، 2025 ވަނަ އަހަރު 284 މިލިއަން ޑޮލަރު އަދި މި އަހަރުގެ ފުރަތަމަ ހަ މަހު 226 މިލިއަން ޑޮލަރުގެ ލޯނު ދޫކޮށްފައިވާ ކަން ޝަރީފު ފާހަގަކުރެއްވިއެވެ. އެއާއެކު، ރާއްޖޭގެ އިގްތިސާދުގެ މައި ސިނާއަތް ކަމަށްވާ ފަތުރުވެރިކަމަށް ހާއްސަ ސަމާލުކަމެއް ދީގެން، ވިޔަފާރިތަކަށް ޑޮލަރުން ދޫކޮށްފައިވާ ލޯނުގެ ޖުމްލަ އަދަދު ދިޔަ މަހުގެ ނިޔަލަށް 860 މިލިއަން ޑޮލަރަށް އަރައިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"މިހާވަރަށް އިތުރަށް މިހާރު ޑޮލަރު ވިއްކަނީ ޑޮލަރު ނެތީމަތޯ؟" ޝަރީފު ސުވާލު އުފެއްދެވިއެވެ.
ބޭންކުގެ ތާރީހުގައި ވެސް، ކަސްޓަމަރުންނަށް އެންމެ ގިނައިން ޑޮލަރު ވިއްކާފައިވަނީ މި އަހަރުގެ ފުރަތަމަ ހަ މަހު ކަމަށް ޝަރީފު ވިދާޅުވިއެވެ. ކާޑުގެ މުއާމަލާތްތަކާއި، ވިޔަފާރިތަކުގެ ޓީޓީއާއި، ތައުލީމާއި ބޭސްފަރުވާ އަދި ފުރާ މީހުންނަށް ދޫކުރެވޭ ނަގުދު ފައިސާ ހިމެނޭ ގޮތުން، 2021 ވަނަ އަހަރު މަހަކު އެވްރެޖުކޮށް 21 މިލިއަން ޑޮލަރު ވިއްކާފައި ވަނިކޮށް، 2023 ވަނަ އަހަރު އެ އަދަދު 37 މިލިއަން ޑޮލަރަށް އުފުލި، މި އަހަރު މަހަކު ގާތްގަނޑަކަށް 80 މިލިއަން ޑޮލަރު ވިއްކަމުން އަންނަ ކަމަށް ޝަރީފު ވިދާޅުވިއެވެ.
މީގެ އިތުރުން، 2020 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުން ފެށިގެން ޑެބިޓް ކާޑުގެ ހުރިހާ މުއާމަލާތަކަށް ކަނޑައަޅާފައި އޮތް 250 ޑޮލަރުގެ ލިމިޓް، މިދިޔަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން ބޮޑުކޮށްފައިވާ ކަން ޝަރީފު ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖެއިން ބޭރުގައި ހިދުމަތާއި މުދަލަށް އަގު ދެއްކުމަށް 1،000 ޑޮލަރު، އަދި ދަތުރު ޓިކެޓާއި ހޮޓަލާއި ބޭސްފަރުވާގެ ކަންކަމަށް 3،000 ޑޮލަރުގެ ލިމިޓެއް ކަނޑައަޅައި، މިއަދާ ހަމަޔަށްވެސް އެ ހިދުމަތް ދެމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ