ސިވިލް ކޯޓުން ދާދި ފަހުން ކުރި ހުކުމަކާ ގުޅިގެން، މާލޭގެ މާވެޔޮ މަގުގައި ހުންނަ މއ. ކުދިމަގޫގެ ނީލަމުގައި ވިއްކާލަން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އިއުލާންކޮށްފިއެވެ.
މާވެޔޮ މިސްކިތް ކައިރީގައި އޮންނަ 830 އަކަފޫޓުގެ މި ބިން ގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު އަންނަ މަހުގެ 3 ވަނަ ދުވަހުގެ މެންދުރު 1:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. އެމްއައިބީން މައުލޫމާތު ދޭ ގޮތުގައި މި ނީލަމުގައި ބައިވެރިވުމަށް ހުށަހެޅޭނެ އެންމެ ދަށް އަގަކީ 12.15 މިލިއަން ރުފިޔާއެވެ.
ނީލަމުގެ ސުންގަޑި ހަމަވުމުން، އެ ވަގުތު އެތަނަށް ހާޒިރުވެ ތިބި ފަރާތްތަކުގެ ކުރިމަތީގައި ސިޓީތައް ކަނޑައި އެންމެ މަތީ އަގު އިއުލާންކުރާނެ ކަމަށް އެމްއައިބީން ބުނެއެވެ. އަދި އެއަށްފަހު އަގު ބޮޑުކުރަން ބޭނުންވާ ފަރާތްތަކުން އަލަށް ހުށަހަޅާއިރު، ފެށޭ އަގަށްވުރެ މަދުވެގެން ފަސް ލައްކަ ރުފިޔާ އިތުރުކުރަން ޖެހޭނެއެވެ.
މި ނީލަމުގައި ބައިވެރިވެވޭނީ އެއް ލައްކަ ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅައިގެންނެވެ. ބިޑް ސެކިއުރިޓީގެ ނަމޫނާ ބޭންކުގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށާއި، މިކަމާ ގުޅޭ އިތުރު މައުލޫމާތު ބޭނުންވާނަމަ އެމްއައިބީގެ ނަންބަރު 3325555 އަށް ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް އެ ބޭންކުން ވަނީ އެދިފައެވެ.
ކޮމެންޓު ފޮނުވާ