ހަނގުރާމަ ހުއްޓާލުމުގެ ވަގުތީ އެއްބަސްވުމެއްގެ ދަށުން، އެމެރިކާ އާއި އީރާނުގެ އިސް އޮފިޝަލުން ސްވިޒަލޭންޑުގައި ސީދާ މަޝްވަރާތައް ފަށައިފިއެވެ.
މި މަޝްވަރާތަކުގެ މައިގަނޑު އަމާޒަކީ ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި ދާއިމީ ސުލްހައިގެ އެއްބަސްވުމަކަށް ވާސިލުވުމެވެ. މި އެއްބަސްވުމުގައި ލުބުނާނު ހިމެނޭހެން ހުރިހާ ސަރަހައްދެއްގައި ހަނގުރާމަ ހުއްޓާލުމާއި، ހޯރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުން ހިމެނެއެވެ. ނަމަވެސް، އިސްރާއީލުން އަދިވެސް ލުބްނާނަށް ހަމަލާދެމުންދާއިރު، އީރާނުން ވަނީ ރައްދުގައި ހޯރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައިވާ ކަމަށް ބުނެފައެވެ. އެހެންނަމަވެސް، ކަނޑުދަތުރުފަތުރުގެ މައުލޫމާތުތަކުން ދައްކާގޮތުގައި އެ ސަރަހައްދުގެ އުޅަނދުތަކުގެ ދަތުރުތަކަށް އެއްވެސް ހުރަހެއް ނެތެވެ.
މަޝްވަރާތައް ފެށުމާއެކު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ލުބުނާނުގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތް ހުއްޓުވުމަށް އީރާނަށް ގޮވާލައްވައި، އެކަން ނުކޮށްފިނަމަ އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު ދެއްވާފައެވެ. އެމެރިކާގެ ފަރާތުން މި މަޝްވަރާތަކުގައި އިސްކޮށް ހަރަކާތްތެރިވަނީ ނައިބު ރައީސް ޖޭޑީ ވެންސް އާއި ޖެރެޑް ކުޝްނާ އަދި ސްޓީވް ވިޓްކޮފް އެވެ. އީރާނުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ ޕާލަމެންޓުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް އާއި ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ އެވެ.
މި މުހިންމު މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރަމުންދަނީ ޕާކިސްތާނުންނެވެ. އެގޮތުން ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި އަސްކަރިއްޔާގެ ވެރިޔާ ފީލްޑް މާޝަލް އާސިމް މުނީރު ވެސް މި ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވައެވެ. އީރާނުން ބުނަމުންދަނީ އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމަކީ ސުލްހަވެރި ބޭނުންތަކަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށާއި، މިހާރު ކުރިއަށްދާ މަޝްވަރާތައް ބިނާވެފައިވަނީ ކުރިން ވެފައިވާ އިގުރާރުތައް ތަންފީޒުކުރުމުގެ މައްޗަށް ކަމަށެވެ.
ކޮމެންޓު ފޮނުވާ