މި އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ވާދަކުރާ އީރާނުގެ ގައުމީ ފުޓްބޯޅަ ޓީމަށް އެމެރިކާއިން އަޅާފައިވާ ދަތުރުފަތުރުގެ ހަރުކަށި ފިޔަވަޅުތަކަށް ލުޔެއް ދިނުމަށް ވައިޓް ހައުސްއިން މަޝްވަރާކުރަން ފަށައިފިއެވެ.
މިހާރު އަމަލުކުރަމުންދާ އުސޫލުތަކުގެ ދަށުން، އީރާނު ޓީމަށް އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ލިބެނީ ކޮންމެ މެޗެއްގެ އެއް ދުވަސް ކުރިންނެވެ. އަދި މެޗު ކުޅެ ނިމޭ ދުވަހު އެ ގައުމުން ފުރައިގެން ދާންޖެހެއެވެ. މި މުބާރާތުގައި އީރާނު ޓީމު ކޭމްޕުކޮށް ފަރިތަކުރަމުން ދަނީ މެކްސިކޯގައެވެ. މި ހަރުކަށި ގަވާއިދުތަކާ ގުޅިގެން، ނިއުޒީލެންޑާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗު 2-2 އިން އެއްވަރުވުމަށްފަހު އީރާނުގެ ހެޑް ކޯޗު އާމިރު ގަލެނޮއީ ވަނީ، އެ ޓީމަކީ މުބާރާތުގައި އޮތް އެންމެ "ނިކަމެތިކޮށްލާފައިވާ" ޓީމުގެ ގޮތުގައި ސިފަކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ.
ވައިޓް ހައުސްގެ ވޯލްޑް ކަޕް ޓާސްކް ފޯސްގެ އެގްޒެކެޓިވް ޑައިރެކްޓަރު އެންޑްރޫ ގިއުލިއާނީ ވިދާޅުވީ، ޖޫން 27 ވަނަ ދުވަހު ސިއެޓްލްގައި މިސްރާ ދެކޮޅަށް އީރާނު ކުޅޭ ގްރޫޕްގެ ފަހު މެޗަށް މި އުސޫލުތައް ބަދަލުކުރުމާ މެދު ކަމާބެހޭ ފަރާތްތަކުން މިހާރު މަޝްވަރާ ކުރަމުންދާ ކަމަށެވެ. ލޮސް އެންޖެލިސްގައި ކުޅުނު ފުރަތަމަ ދެ މެޗަށް މި ގަވާއިދު އެކަށީގެންވި ނަމަވެސް، މެކްސިކޯއިން ސިއެޓްލްއަށް ދަތުރުކުރުމަށް ގާތްގަނޑަކަށް ތިން ގަޑިއިރު ހޭދަވާތީ، ކުޅުންތެރިންނަށް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ގައުމީ ސަލާމަތަށް ނުރައްކާ ނުވާނެ ގޮތެއްގެ މަތިން، ދަނޑުމަތީގައި ވާދަވެރިކަން ދެމެހެއްޓުމަށްޓަކައި ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަކީ އެމެރިކާގެ ރައީސް ޓްރަމްޕް ބޭނުންފުޅުވާ ގޮތްކަމަށްވެސް ގިއުލިއާނީ ވިދާޅުވިއެވެ. އީރާނު ޓީމުން ދެން ބައްދަލުކުރާނީ ބެލްޖިއަމްއާ ދެކޮޅަށެވެ. އެ ޓީމުގެ އުންމީދަކީ މިފަހަރުގެ މުބާރާތުގެ ނޮކްއައުޓް ބުރަށް ދަތުރުކޮށް ތާރީޚީ ކާމިޔާބީއެއް ހޯދުމެވެ.
ކޮމެންޓު ފޮނުވާ