ވޯލްޑް ކަޕްގައި ޕޯޗުގަލް ކުޅުނު ފުރަތަމަ މެޗުން އެއްވަރުވުމަކީ އުއްމީދުކުރި ނަތީޖާ ނޫންކަމަށް އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނަލްޑޯ ބުނެފިއެވެ.
އެމެރިކާގެ ހިއުސްޓަންގައި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއާ ދެކޮޅަށް ކުޅުނު ގްރޫޕް ކޭގެ މެޗު 1-1 އިން އެއްވަރުވުމަށްފަހު ރޮނަލްޑޯ ވަނީ ސޯޝަލް މީޑިއާގައި އޭނާގެ ޝުއޫރު ފާޅުކޮށްފައެވެ. އެކްސްގައި ކުރި ޕޯސްޓެއްގައި އޭނާ ބުނީ މިއީ ޓީމުން ބޭނުންވި ފެށުން ނޫން ނަމަވެސް، މުބާރާތް އަދި ނިމެން ގާތްވެސް ނުވާ ކަމަށެވެ. އަދި ކުރިއަށް އޮތް މެޗަށް ފޯކަސްކޮށް، ކާމިޔާބީ ހޯދަން އިތުރަށް މަސައްކަތްކުރާނެ ކަމަށް އޭނާ ބުންޏެވެ.
މި މެޗުގެ ފުރަތަމަ ހާފުގެ ފަސްވަނަ މިނެޓުގައި ޖޮއާއޯ ނޭވްސް ބޮލުން ޖެހި ލަނޑާއެކު ޕޯޗުގަލް ލީޑު ނެގި ނަމަވެސް، ހާފު ނިމެން އުޅެނިކޮށް ޔޮއާން ވިސާ ވަނީ ކޮންގޯއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. ދެވަނަ ހާފުގައި ޕޯޗުގަލްއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނުއިރު، ކޯޗު ރޮބާޓޯ މާޓިނޭޒް ވަނީ ފްރެންސިސްކޯ ކޮންސެއިސާއޯ ކުޅެން އަރުވައިގެން ޓީމުގެ އެޓޭކް ވަރުގަދަކުރަން މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް ކޮންގޯގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.
މުޅި މެޗުގައި ކުޅުނު ރޮނަލްޑޯއަށް މިއީ އުނދަގޫ މެޗަކަށް ވީނަމަވެސް، އޭނާ ވަނީ މި މެޗާއެކު ތާރީޚީ ރެކޯޑެއް ގާއިމްކޮށްފައެވެ. އުމުރުން 41 އަހަރާއި 123 ދުވަހުގައި މެޗު ފެށި ރޮނަލްޑޯ ވެފައިވަނީ ވޯލްޑް ކަޕް މެޗެއް ފެށި އެންމެ އުމުރުން ދުވަސްވީ އައުޓްފީލްޑް ކުޅުންތެރިޔާއަށެވެ. މިއީ ޕޯޗުގަލްއަށް މުބާރާތުގައި ކުރިއަށް ދިއުމަށްޓަކައި ކުރިއަށް ހުރި މެޗުތަކުން މޮޅުވުން މަޖުބޫރު ކުރުވި ނަތީޖާއެކެވެ.
ކޮމެންޓު ފޮނުވާ