މެކްސިކޯ، އެމެރިކާ އަދި ކެނެޑާގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި އާލިން ހޮލަންޑްގެ މޮޅު ކުޅުމާއެކު 4-1 އިން އިރާގު ބަލިކޮށް ނޯވޭއިން މުބާރާތުގެ ފެށުން ވަރުގަދަކޮށްފިއެވެ.
މި މެޗުގެ 29 ވަނަ މިނިޓުގައި ޑޭވިޑް މޮލާ ވޮލްފް ނަގައިދިން ހުރަހަކުން ހާލަންޑް ނޯވޭއަށް ލީޑު ނަގައިދިން ނަމަވެސް، އޭގެ 10 މިނިޓު ފަހުން އިރާގުގެ އައިމަން ހުސެއިން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. އެހެންނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން 43 ވަނަ މިނިޓުގައި ހާލަންޑް ވަނީ އިތުރު ގޯލެއް ޖަހައި އަލުން ލީޑު ނަގައިދީފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ އޭނާއެވެ.
ނޯވޭގެ ތިންވަނަ ލަނޑު 76 ވަނަ މިނިޓުގައި ލިއޯ އޮސްޓިގާޑް ކާމިޔާބުކޮށްދިންއިރު، އެ ޓީމުގެ ހަތަރުވަނަ ލަނޑަކީ ނޯވޭގެ އެޓޭކެއް ހުއްޓުވަން އުޅުމުގެ ތެރޭގައި އިރާގުގެ އައިމަން އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
މި އަހަރުގެ މުބާރާތުގެ ކޮލިފައިންގައިވެސް އަށް މެޗުން 16 ގޯލު ޖަހައި ރެކޯޑެއް ހަދާފައިވާ ހާލަންޑާއި ކެޕްޓަން މާޓިން އޮޑެގާޑް ފަދަ މުހިންމު ކުޅުންތެރިންނާއެކު ނޯވޭއަށް ދެން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ގްރޫޕް ސްޓޭޖުގައި ސެނެގާލް އަދި ފްރާންސާ ދެކޮޅަށް ކުޅޭ މެޗުތަކުން ރަނގަޅު ނަތީޖާއެއް ހޯދައި ނޮކައުޓް ބުރަށް ކޮލިފައިވުމެވެ. މީގެ ކުރިން 1938، 1994 އަދި 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގައިވެސް ނޯވޭއަށް އަބަދުވެސް ހުރަހަކަށް ވެފައިވަނީ އިޓަލީއެވެ.
ކޮމެންޓު ފޮނުވާ