އީލޮން މަސްކް: ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރު

އީލޮން މަސްކް: ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރު

Author
އަހުމަދު
13 ޖޫން 2026 12:58
0

ސްޕޭސްއެކްސް ކުންފުނީގެ ހިއްސާ އާންމުކޮށް ވިއްކަން ފެށުމާއެކު، އީލޮން މަސްކްގެ މިލްކިއްޔާތު 1 ޓްރިލިއަން ޑޮލަރަށްވުރެ މައްޗަށް ގޮސް، އޭނާ ވެފައިވަނީ ތާރީޚުގައި މިހާ ގިނަ ފައިސާ ހޯދި ފުރަތަމަ މީހާއަށެވެ.

މި ކާމިޔާބީ އޭނާއަށް ހާސިލުވެފައިވަނީ، ނަސްޑެކްގައި ސްޕޭސްއެކްސްގެ ހިއްސާގެ އަގު ހުކުރު ދުވަހު ވަރަށް ބޮޑަށް އުފުލިގެން ދިއުމާ ގުޅިގެންނެވެ. މިއީ ތާރީޚުގައިވެސް ހިންގުނު އެންމެ ބޮޑު އިނިޝަލް ޕަބްލިކް އޮފަރިންގ (އައިޕީއޯ) ކަމަށް ވަނީ ބެލެވިފައެވެ.

ބްލޫމްބަރގް ބިލިއަނަރސް އިންޑެކްސް އިން ދައްކާގޮތުގައި، މަސްކްގެ ނެޓް ވާރތް ނުވަތަ ސާފު މިލްކިއްޔާތު ވަނީ ގާތްގަނޑަކަށް 1.11 ޓްރިލިއަން ޑޮލަރަށް އަރާފައެވެ. މިއާއެކު ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމުގައި އޭނާގެ ލީޑު ވަނީ އިތުރަށް ފުޅާވެފައެވެ.

ސްޕޭސްއެކްސްގެ ހިއްސާއެއް 135 ޑޮލަރަށް ކަނޑައެޅި ނަމަވެސް، ވިޔަފާރި ފެށުނީ 150 ޑޮލަރުގައެވެ. އަދި 176.50 ޑޮލަރަށް އެރުމަށްފަހު، ބާޒާރު ބަންދުވިއިރު ހިއްސާއެއްގެ އަގު ހުރީ 161 ޑޮލަރުގައެވެ. މިއާއެކު އެ ކުންފުނީގެ ޖުމްލަ އަގު ވަނީ 2.2 ޓްރިލިއަން ޑޮލަރަށް އަރާފައެވެ. މި އައިޕީއޯ މެދުވެރިކޮށް 75 ބިލިއަން ޑޮލަރު ވަނީ ހޯދާފައެވެ.

މަސްކް އަތުގައި ސްޕޭސްއެކްސްގެ 42 އިންސައްތަ ހިއްސާ އޮވެއެވެ. ބްލޫމްބަރގް އިން ލަފާކުރާ ގޮތުގައި މިއީ 767 ބިލިއަން ޑޮލަރުގެ ހިއްސާއެވެ. މީގެ އިތުރުން ޓެސްލާ ކުންފުނީގައި އޭނާގެ 168 ބިލިއަން ޑޮލަރުގެ ހިއްސާ އާއި 116 ބިލިއަން ޑޮލަރުގެ ސްޓޮކް އޮޕްޝަންސް ހިމެނެއެވެ.

2002 ވަނަ އަހަރު އުފެއްދި ސްޕޭސްއެކްސް އަކީ މިހާރު ދުނިޔޭގެ އެންމެ ނުފޫޒުގަދަ އެއް އޭރޯސްޕޭސް ކުންފުންޏެވެ. އެ ކުންފުނިން ދަނީ ސްޓާލިންކް މެދުވެރިކޮށް ސެޓެލައިޓް އިންޓަނެޓްގެ ޚިދުމަތްވެސް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެމުންނެވެ. މަސްކް ޓްރިލިއަނަރަކަށް ވުމާއެކު، ޓެކްނޮލޮޖީ ދާއިރާގެ މަދު ބައެއްގެ އަތްމައްޗަށް މުއްސަނދިކަން ޖަމާވަމުންދާ މިންވަރާމެދު ދުނިޔޭގެ އިޤްތިޞާދީ މާހިރުންގެ މެދުގައި އަނެއްކާވެސް ވަނީ ބަހުސްތައް ފެށިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.