ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަންގައި ކ. ހުރާގެ މައްޗަށް 2-1 އިން ކުރިހޯދައި، ގދ. ގައްދޫން މުބާރާތުގައި ކުރިއަށް ދިއުމުގެ އުންމީދު އާކޮށްފިއެވެ.
ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ހުރާއިންނެވެ. އެ ޓީމުގެ އަސެއާ ގޯމޭޒް އަލްވަރޭޒް ލަނޑު ޖެހިތާ ހަ މިނެޓު ފަހުން، މެޗުގެ 25 ވަނަ މިނެޓުގައި އަލީ މުހައްމަދު ވަނީ ގައްދޫއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. ކޯޗު މުހައްމަދު ނަޒީހުގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ގައްދޫ މޮޅުވި ލަނޑު މެޗުގެ 66 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެމަނުއަލް އޮލުބެންގާ މަކިންޑޭއެވެ.
މި މޮޅާއެކު ގައްދޫއަށް ވަނީ ކުޅުނު ދެ މެޗުން ތިން ޕޮއިންޓް ލިބިފައެވެ. އެ ޓީމު ކުޅުނު ފުރަތަމަ މެޗުން ވަނީ ހދ. ދިއްދޫ އަތުން ބަލިވެފައެވެ. އަނެއްކޮޅުން ހުރާ ވަނީ ފުރަތަމަ މެޗުގައި ގްރީން ސްޓްރީޓްސްއާ އެއްވަރުވެފައެވެ.
ރާއްޖޭގެ ހަތަރު ރީޖަނެއްގެ ޗެމްޕިއަނުންނާއި ޕްރިމިއާ ލީގުގެ ފުލަށްދިޔަ ދެ ޓީމު ވާދަކުރާ މި ކޮލިފިކޭޝަންގައި އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަތަރު ޓީމަކަށް އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުން ޖާގަ ލިބޭނެއެވެ. މިވަގުތު ކޮލިފިކޭޝަންގެ އެއްވަނައިގައި އޮތީ ދެ މެޗުން ހަތަރު ޕޮއިންޓް ހޯދާފައިވާ މާލެ ރީޖަނުގެ ޗެމްޕިއަން ބިސްބުރު ސްޕޯޓްސްއެވެ.
ކޮމެންޓު ފޮނުވާ