ޕާޓީގެ އެތެރޭގެ ހިންގުން ހަރުދަނާކޮށް، ވަކި ފަރުދަކަށް ބިނާވާ ސިޔާސަތު ދޫކޮށްލަންޖެހޭ: ޝައުނާ

ޕާޓީގެ އެތެރޭގެ ހިންގުން ހަރުދަނާކޮށް، ވަކި ފަރުދަކަށް ބިނާވާ ސިޔާސަތު ދޫކޮށްލަންޖެހޭ: ޝައުނާ

Author
އަހުމަދު
11 ޖޫން 2026 08:43
0

ޕާޓީގެ އެތެރޭގެ ހިންގުން ހަރުދަނާކޮށް، ވަކި ފަރުދަކަށް ބިނާވާ ސިޔާސަތު ދޫކޮށްލަންޖެހޭކަމަށް ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ޝައުނާ ވިދާޅުވި ގޮތުގައި، އެމްޑީޕީގެ އެތެރޭގެ ހިންގުން ހަރުދަނާކޮށް، ވަކި ފަރުދެއްގެ މައްޗަށް ބިނާވެފައިވާ ސިޔާސީ އުސޫލުތައް ދޫކޮށްލަން މިއަދު ވަނީ ޖެހިފައެވެ.

އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ވާދަކުރައްވާ މީކާއިލް އަހުމަދު ނަސީމްގެ ކެމްޕޭން ނިންމުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝައުނާ ވިދާޅުވީ، ޕާޓީގެ މުސްތަޤްބަލްގެ މިސްރާބު ރަނގަޅު ކުރުމަށް މިއީ ލިބޭ ވަރަށް މުހިންމު ފުރުޞަތެއް ކަމަށެވެ. އަދި މިހާރު އޮތް ސަރުކާރު ޖަވާބުދާރީކުރުވައި، ރައްޔިތުންގެ މަޖިލީހާއި މަގުމަތިން އަޑުއުފުލުމަށްޓަކައި އެންމެ ފުރަތަމަ ޕާޓީގެ އެތެރޭގެ ކަންކަން ތަރުތީބުކުރަން ޖެހޭކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޝައުނާ އިތުރަށް ވިދާޅުވީ، އެމްޑީޕީއަކީ މުއައްސަސާއެއްގެ ގޮތުގައި ތަރައްޤީކުރުމަކީ މުޅި ދިވެހި ދައުލަތާއި ރައްޔިތުންގެ ދިރިއުޅުމާ ގުޅިފައިވާ ކަމެއް ކަމަށެވެ. އެގޮތުން ޕާޓީ ރޫޅިއްޖެނަމަ ދައުލަތް ރޫޅޭތަން ފެންނަމުންދާ ކަމަށާއި، މިހާރުވެސް ޤާނޫނުއަސާސީއާ ޚިލާފުވުމާއި، މީޑިއާގެ މިނިވަންކަން ގެއްލުމާއި، ތަކެތީގެ އަގުބޮޑުވުން ފަދަ އެތައް ދަތިތަކެއް ރައްޔިތުން ތަހައްމަލު ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. ޤައުމު މި ހާލަތަށް ވެއްޓުނީ ޕާޓީގެ އެތެރޭގެ މަޞްލަޙަތު ގެއްލިގެންދިޔުމުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އެމްޑީޕީއަކީ ވަކި މީހެއްގެ ފަލްސަފާއެއް ނޫން ކަމަށާއި، އެއީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ނުވަތަ ރައީސް މުޙައްމަދު ނަޝީދުގެ އެކަނި ޕާޓީއެއް ނޫންކަން ޝައުނާ ފާހަގަކުރެއްވިއެވެ. އޭގެ ބަދަލުގައި އެމްޑީޕީ ވާންޖެހޭނީ ވަކި ފަރުދުންނަށްވުރެ ބޮޑަށް އުސޫލުތަކަށް ތަބާވާ، ހަރުދަނާ ޑިމޮކްރެޓިކް މުއައްސަސާއަކަށް ކަމަށާއި، ޕާޓީ ވަރުގަދަވެގެން މެނުވީ ޤައުމަށް ހަމަޖެހުމާއި ހެޔޮވެރިކަން ނާންނާނެކަމަށް ޝައުނާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.