ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގެ މެޗުތައް ބަލަން ދަނޑަށް ވަންނަ ސަޕޯޓަރުންނަށް ލުޔެއް ދިނުމުގެ ގޮތުން ޓިކެޓްތަކުގެ އަގު ހެޔޮކޮށްފިއެވެ.
މި ބަދަލާއެކު، ކުރިން 200 ރުފިޔާއަށް ވިއްކަމުންދިޔަ ގޮނޑިބަރީގެ ޓިކެޓެއް މިހާރު 100 ރުފިޔާއަށް ލިބޭނެއެވެ. އަދި ސިޑިބަރީގެ ޓިކެޓްތަކުގެ އަގުވެސް ވަނީ އާންމުންނަށް ގަނެވޭނެ ފަދަ ހެޔޮ އަގަކަށް ބަދަލުކޮށްފައެވެ.
މި މުބާރާތުގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަދި ޕާކިސްތާނު ބައްދަލުކުރިއިރު، ދަނޑަށް ވަން ބަންގްލަދޭޝް ސަޕޯޓަރުންގެ އަދަދު ނިސްބަތުން ވަރަށް މަދެވެ. މީގެ ކުރިން މާލޭގައި ބޭއްވި ސާފް މުބާރާތްތަކުގައި އެ ގައުމުގެ ގިނަ ބަޔަކު ދަނޑަށް ވަދެ ޖާގަތައް ފުރާލާފައިވާއިރު، ޓިކެޓްގެ އަގަށް މި ގެނައި ބަދަލާއެކު އަނެއްކާވެސް ދަނޑަށް ވަންނަ ސަޕޯޓަރުންގެ އަދަދު އިތުރުވާނެކަމަށް އިންތިޒާމުކުރާ ފަރާތްތަކުން ލަފާކުރެއެވެ.
ގަލޮޅު ދަނޑުގެ އިރުމަތީ ފަރާތާއި ދެކުނު ފަޅީގެ މަތީބުރި ބާވެ ވީރާނާވެފައިވުމުގެ ސަބަބުން ދަނޑުގެ ކެޕޭސިޓީ ދަށްކޮށްފައިވާތާ މިހާރު ވަނީ ހަތް އަހަރުވެފައެވެ. މި މުބާރާތުގައި މާދަމާ ހަވީރު ރާއްޖެއިން ޕާކިސްތާނާ ދެކޮޅަށް ނުކުންނައިރު، މާދަމާ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ބަންގްލަދޭޝް އާއި އަފްޣާނިސްތާނެވެ.
ކޮމެންޓު ފޮނުވާ