ކާވާ ވިމެންސް ޗެމްޕިއަންޝިޕް: އިންޑިއާ އަތުން ރާއްޖޭގެ އަންހެން ވޮލީ ޓީމު ބަލިވެއްޖެ

ކާވާ ވިމެންސް ޗެމްޕިއަންޝިޕް: އިންޑިއާ އަތުން ރާއްޖޭގެ އަންހެން ވޮލީ ޓީމު ބަލިވެއްޖެ

Author
އަހުމަދު
24 މެއި 2026 07:34
0

ނޭޕާލުގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ވިމެންސް ޗެމްޕިއަންޝިޕްގައި އިންޑިއާ އަތުން ސީދާ ތިން ސެޓުން ރާއްޖޭގެ ގައުމީ އަންހެން ވޮލީބޯޅަ ޓީމު ބަލިވެއްޖެ އެވެ.

އެފްއައިވީބީގެ ދުނިޔޭގެ ރޭންކިންގައި ރާއްޖެ އޮތީ އިންޑިއާއަށް ވުރެ ހަތް ދަރަޖަ ކުރީގައި ކަމަށް ވިޔަސް، މި މެޗުގައި އިންޑިއާއިން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. އިންޑިއާއިން މެޗުގެ ސެޓުތައް ކާމިޔާބުކުރީ 25-09، 25-14 އަދި 25-17 އިންނެވެ. މިއީ މި މުބާރާތުގައި އިންޑިއާ ހޯދި ދެވަނަ މޮޅެވެ. އެޓީމުން ވަނީ ފުރަތަމަ މެޗުގައި 3-2 ސެޓުން ނޭޕާލް ބަލިކޮށްފަ އެވެ. ނަމަވެސް ރާއްޖެ ވަނީ ކުޅުނު ފުރަތަމަ މެޗުން ކިރްގިސްތާން އަތުން ވެސް 3-0 ސެޓުން ބަލިވެފަ އެވެ.

މި މުބާރާތުގައި ދެން ރާއްޖެ ނުކުންނާނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ނޭޕާލާ ދެކޮޅަށެވެ. އަދި އިންޑިއާ ބައްދަލުކުރާނީ ކިރްގިސްތާނާއެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މި މުބާރާތުގެ ގްރޫޕް ބީގައި ހިމެނެނީ އިރާން، ބަންގްލަދޭޝް، ކަޒަކްސްތާން އަދި ސްރީ ލަންކާ އެވެ. ގްރޫޕް ސްޓޭޖުގެ މެޗުތަކަށްފަހު، ކޮންމެ ގްރޫޕަކުން ވެސް އެންމެ ކުރި ހޯދާ ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާނެ އެވެ. އަދި މުބާރާތުން ކަޓާ ޓީމުތަކުގެ މެދުގައި 5 ވަނަ އިން 8 ވަނައަށް ދާ ގައުމުތައް ކަނޑައެޅުމަށް ކްލަސިފިކޭޝަން މެޗުތަކެއް ވެސް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.