މަޖިލީހުގެ ނައިބު ރައީސް ނާޒިމް ވަކިކުރުމުގެ މައްސަލައަށް އެއް ގަޑިއިރު ކަނޑައަޅައިފި

މަޖިލީހުގެ ނައިބު ރައީސް ނާޒިމް ވަކިކުރުމުގެ މައްސަލައަށް އެއް ގަޑިއިރު ކަނޑައަޅައިފި

Author
އަހުމަދު
20 މެއި 2026 09:50
0

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލައިގެ ބަހުސަށް އެއް ގަޑިއިރުގެ ވަގުތެއް ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ނިންމައިފި އެވެ.

މި މައްސަލަ ކުރިއަށް ގެންދާނެ ގޮތަކާ މެދު ގޮތެއް ނިންމުމަށް ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ފާސްކޮށްފައިވަނީ، މެންބަރުންގެ ބަހުސަށް 50 މިނެޓު ދިނުމަށާއި، ތުހުމަތުތަކަށް ޖަވާބުދާރީވެވަޑައިގަތުމަށް ނާޒިމަށް 10 މިނެޓުގެ ވަގުތެއް އެރުވުމަށެވެ. ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ މަގާމުން ވަކިކުރަން ގާނޫނީ ގޮތުން ބޭނުންވާ އަދަދަށްވުރެ މާ ގިނައިން، ޖުމްލަ 72 މެންބަރުންގެ ސޮޔާއެކުގައެވެ.

ނާޒިމްގެ މައްޗަށް މައިގަނޑު ގޮތެއްގައި ކުރައްވާފައިވާ ތުހުމަތުތަކުގެ ތެރޭގައި، މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެން ފިތުނަ އުފެއްދުމާއި، ވަކި ސިޔާސީ ފިކުރަކަށް ބުރަވެ މަޖިލީހުގެ މަސްލަހަތު ގެއްލުވާލުމަށް ހިތްވަރުދީ ޒިންމާއިން ބަރީއަވުން ހިމެނެއެވެ. މި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގައި، އޭނާގެ އާއިލާ ދިރިއުޅެމުންދާ މެލޭޝިއާއަށް ނާޒިމް ފުރާވަޑައިގެންފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުން، މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް ހުށަހަޅާއިރު 14 ދުވަހުގެ ނޯޓިހެއް ދިނުމާއެކު، ދިފާއުގައި ވާހަކަދެއްކުމުގެ ފުރުސަތު ކަށަވަރުކޮށްދޭން ޖެހެއެވެ. ނަމަވެސް އެ މައްސަލައިގެ ވޯޓުގައި އޭނާއަކަށް ބައިވެރިއެއް ނުވެވޭނެއެވެ.

ވެރިކަން ކުރާ ޕީއެންސީން އިސްނަގައިގެން ނާޒިމް މަގާމުން ދުރުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، މިދިޔަ މަހުގެ 21 ވަނަ ދުވަހު އޭނާ ވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި 241 ކޮމިޓީންވެސް ވަކިކޮށްފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިމެނިވަޑައިގަންނަވާ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ރަސްމީ ވަޓްސްއެޕް ގްރޫޕުންވެސް ނާޒިމް މިހާރު ވަނީ ނެރެލާފައެވެ. މީގެ އިތުރުން، ހިނގަމުންދާ މަޖިލީހުގެ މި ދައުރު މާދަމާއަށް ހަމަވާން އޮތް ނަމަވެސް، މިއަދުގެ ޖަލްސާގައި ވަނީ ދައުރުގެ މުއްދަތު މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ދަންމާލަން ފާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.