ބީއެމްއެލްގެ ޑޮލަރު ލިމިޓަށް ގެނައި ބަދަލުތަކަކީ އާންމުންނަށް ހަމަހަމަކޮށް ފޯރުކޮށްދިނުމަށް އެޅި ފިޔަވަޅެއް: ބީއެމްއެލް

ބީއެމްއެލްގެ ޑޮލަރު ލިމިޓަށް ގެނައި ބަދަލުތަކަކީ އާންމުންނަށް ހަމަހަމަކޮށް ފޯރުކޮށްދިނުމަށް އެޅި ފިޔަވަޅެއް: ބީއެމްއެލް

Author
އަހުމަދު
06 މެއި 2026 02:52
0

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދާދި ފަހުން ބޭރު ފައިސާއާ ގުޅޭގޮތުން އެޅި ފިޔަވަޅުތަކަކީ، ހައްގުވެރި ފަރާތްތަކަށާއި އާންމު ރައްޔިތުންނަށް ހަމަހަމަކަމާއެކު ޑޮލަރު ފޯރުކޮށްދިނުމުގެ މަގުސަދުގައި އެޅި ފިޔަވަޅުތަކެއް ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.

ބީއެމްއެލްގެ ތަރުޖަމާނު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި، މި ބަދަލުތައް ގެނެސްފައިވަނީ ކާޑުތަކުގެ ބޭރު ފައިސާގެ ލިމިޓު ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށެވެ. އެގޮތުން، މިހާރު އިންޓަނޭޝަނަލް ކާޑް ޓްރާންސެކްޝަންތައް ހެދޭނީ ހަމައެކަނި ކާޑުގެ ވެރިފަރާތް ރާއްޖެއިން ބޭރުގައި ހުންނަ ވަގުތުތަކުގައެވެ. އަދި ވިޔަފާރި ބޭނުންތަކަށް އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް މަދު ބަޔަކު ގިނަ އަދަދެއްގެ ޑޮލަރު ނަގަމުންދާ މައްސަލަ ހައްލުކުރުމަށްޓަކައި، ޑެއިލީ އެލޮކޭޝަން ބަޖެޓެއް ވަނީ ތައާރަފުކޮށްފައެވެ. މީގެ ސަބަބުން ގިނަ ބަޔަކަށް ޒާތީ ބޭނުންތަކަށް ޑޮލަރު ލިބުމުގެ ފުރުސަތު ފުޅާވެގެންދާނެ ކަމަށް ބޭންކުން ދެކެއެވެ.

މީގެ އިތުރުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭރަށް ފައިސާ ފޮނުވުމަށް ޑޮލަރު ގަތުމުގެ ނިޒާމު ހަރުދަނާކޮށް، ޓީޓީ ޓްރާންސެކްޝަންތައް ބައިބައިކޮށްގެން ޑޮލަރު ހޯދަން އުޅޭ ފަރާތްތައް ދެނެގަނެވޭނެ އިންތިޒާމުވެސް ބޭންކުން ވަނީ ހަމަޖައްސާފައެވެ. އަދި ބޭންކުން ޑޮލަރު ވިއްކާނީ ކަނޑައެޅިފައިވާ ލިމިޓްތަކުގެ ތެރެއިންކަން ވަނީ ކަށަވަރުކޮށްދީފައެވެ.

މި ބަދަލުތައް ގެނައި ނަމަވެސް، ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށް ދެމުން އައި 1،200 ޑޮލަރުގެ ލިމިޓަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. އަދި މައިންބަފައިންގެ ކާޑު ބޭނުންކުރާ ދަރިވަރުންނަށް އަމިއްލަ ކާޑެއް ހެއްދުމަށް ތިން މަސް ދުވަހުގެ މުހުލަތެއް ދިނުމަށް ވަނީ ނިންމާފައެވެ.

ބީއެމްއެލުން އިތުރަށް ބުނެފައިވަނީ ޔޫއެސް ޑޮލަރު އެކައުންޓުތަކާ ގުޅިފައިވާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކަށް އެއްވެސް ހިފެހެއްޓުމެއް ނެތް ކަމަށެވެ. އަދި ޑެބިޓް ކާޑުގެ ޕީއޯއެސް ލިމިޓުގެ ގޮތުގައި މަހަކު 1،000 ޑޮލަރު، އަދި ދަތުރުފަތުރާއި ބޭސްފަރުވާއަށް މަހަކު 3،000 ޑޮލަރާ ހަމައަށް ކުރިންވެސް އޮތް އުސޫލުން ބޭނުންކުރެވޭނެ ކަމަށް އެ ބޭންކުން ވަނީ ޔަގީންކަން ދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.