އެފްއޭއެމްގެ ފުރަތަމަ ފުޓްސަލް ލީގުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަނީ

އެފްއޭއެމްގެ ފުރަތަމަ ފުޓްސަލް ލީގުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަނީ

Author
އަހުމަދު
06 މެއި 2026 10:57
0

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ރާއްޖޭގައި ބާއްވާ ފުރަތަމަ ރަސްމީ ފުޓްސަލް ލީގުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ ހަފްތާގައި ހުޅުވާލުމަށް ނިންމައިފިއެވެ.

އެފްއޭއެމްގެ ރައީސް އަޙްމަދު ޠާރިޤް ވިދާޅުވި ގޮތުގައި، މުޅި ރާއްޖެ ހަތަރު ރީޖަންއަކަށް (މާލެ، ނޯތު، ސެންޓްރަލް އަދި ސައުތު ލީގަށް) ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެ ސަބަބުން ކޮންމެ ރަށެއްގެ ކުޅުންތެރިއަކަށް ވެސް ހުނަރު ދައްކާލައި، ޤައުމީ ޓީމުން ޖާގަ ހޯދުމުގެ މަގު ފަހިވެގެންދާނެއެވެ. މިއީ ސާފް ފުޓްސަލް މުބާރާތް ފަދަ ބައިނަލްއަޤުވާމީ މުބާރާތްތަކުގައި ޤައުމު ތަމްސީލުކުރުމަށް ކުޅުންތެރިންނަށް ލިބިގެންދާނެ ރަނުގެ ފުރުސަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މި މުބާރާތް ކުރިއަށްދާނީ ރީޖަނަލް ފުޓުބޯޅަ ލީގުތައް ވެސް ކުރިއަށްދާ އުސޫލުންނެވެ. އެގޮތުން އަތޮޅުތައް ހިމެނޭ ތިން ލީގުގެ އެކި ޒޯންތަކުގައި އެޓޯލް ޗެމްޕިއަންޝިޕް ކުޅުމަށްފަހު، ކޮންމެ ޒޯނެއްގެ ޗެމްޕިއަނުންނާއި ރަނަރަޕް ރީޖަނަލް ލީގަށް ކޮލިފައިވާނެއެވެ. ކޮންމެ ލީގެއްގައި ޖުމްލަ ހަތަރު ޓީމު ވާދަކުރާއިރު، ހަތަރު ރީޖަންގެ އެންމެ މޮޅު ޓީމުތައް ވާދަކުރާ ޤައުމީ ފެންވަރުގެ މުބާރާތެއް ވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގައި ފުޓްސަލް ކުޅޭތާ 20 އަށްވުރެ ގިނަ އަހަރު ވެފައިވީނަމަވެސް، މީގެ ކުރިން މި ކުޅިވަރު ހިނގަމުން އައީ ސީދާ އެފްއޭއެމްގެ ބެލުމުގެ ދަށުންނެއް ނޫނެވެ. ނަމަވެސް އައު ޒައާމަތާއެކު އެފްއޭއެމްއިން ވަނީ ފުޓްސަލްއާ ހަވާލުވެ، މިއަހަރުގެ ބަޖެޓުގައި ފުޓްސަލް ލީގާއި މުބާރާތްތަކަށް ފައިސާ ކަނޑައަޅާފައެވެ. ސީދާ އެފްއޭއެމްގެ ބެލުމުގެ ދަށުން އެކުލަވާލި ފުރަތަމަ ޤައުމީ ފުޓްސަލް ޓީމުން ވަނީ ބިދޭސީ ކޯޗަކާއެކު ޗައިނާގައި ތަމްރީނު ހެދުމަށްފަހު، ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތައިލެންޑުގައި އޮތް ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ސައްތައިންސައްތަ މޮޅުވުމުގެ ރެކޯޑަކާއެކު ދާދި ފަހުން ކާމިޔާބުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.