ކެނެޑާއަށް އެތެރެވިޔަނުދީ އިރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ އިސްވެރިން ފޮނުވާލައިފި

ކެނެޑާއަށް އެތެރެވިޔަނުދީ އިރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ އިސްވެރިން ފޮނުވާލައިފި

Author
އަހުމަދު
30 އޭޕްރިލް 2026 12:31
0

ފީފާ ކޮންގްރެސްގައި ބައިވެރިވުމަށް ކެނެޑާއަށް ދިޔަ އިރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ހިމެނޭހެން ތިން އޮފިޝަލަކު އެ ގައުމަށް އެތެރެވިޔަނުދީ ހިފަހައްޓައި އަނބުރާ ފޮނުވާލައިފި އެވެ.

ކެނެޑާގެ ވެންކޫވާގައި ބާއްވާ ފީފާ ކޮންގްރެސްއަށް ވަޑައިގަތުމަށް ޓޮރޮންޓޯގެ ޕިއާސަން އެއާޕޯޓަށް ފޭބުމުން، އިރާނުގެ އެފްއޭގެ ރައީސް މެހްދީ ތާޖާއި އިތުރު ދެ އޮފިޝަލެއްގެ ވިސާ އިމިގްރޭޝަނުން ވަނީ ކެންސަލްކޮށްފަ އެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން މި ބޭފުޅުން ގައުމަށް ފޮނުވާލީ އިރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އާ ގުޅުން އޮންނަ ކަމަށް ތުހުމަތުކުރުމަށްފަހު އެވެ.

މި މައްސަލައާ ގުޅިގެން ކެނެޑާގެ ފޮރިން މިނިސްޓަރު އަނީތާ އާނަންދު ވިދާޅުވީ، އޮފިޝަލުންނަށް ދީފައިވާ ހުއްދަ ބާތިލްކުރިކަން އެނގިވަޑައިގަންނަވާ ކަމަށާއި، އެއީ ގަސްދުގައި ކުރިކަމެއް ނޫން ކަމަށެވެ. ނަމަވެސް ކެނެޑާގެ އިމިގްރޭޝަން މިނިސްޓްރީގެ ޕްރެސް ސެކްރެޓަރީ ތާއޫސް އައިތު ވިދާޅުވީ، ވަކިވަކި ކޭސްތަކަށް ކޮމެންޓް ނުކުރެއްވި ނަމަވެސް، އައިއާރްޖީސީގެ އޮފިޝަލުންނަށް ކެނެޑާއަށް އެތެރެނުވެވޭނެ ކަމަށާއި އެއީ ސަރުކާރުގެ ވަރަށް ސާފު ސިޔާސަތެއް ކަމަށެވެ.

ކެނެޑާ، އެމެރިކާ އަދި މެކްސިކޯ ގުޅިގެން ބާއްވާ ވޯލްޑް ކަޕް ފެށެން މަދު ހަފުތާތަކަކަށް ވެފައިވާއިރު، ފުޓްބޯޅައިގެ އިސްވެރިންނަށް ދިމާވި މި ހުރަހާއެކު އިރާނުގެ ގައުމީ ޓީމަށް ކުރިމަތިވެދާނެ ހާލަތަކާމެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. ވޯލްޑް ކަޕްގައި އިރާނުން ކުޅޭ ފުރަތަމަ މެޗުގައި ޖޫން 15 ވަނަ ދުވަހު އެމެރިކާގެ ކެލިފޯނިއާގައި ނުކުންނާނީ ނިއުޒިލޭންޑާ ދެކޮޅަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.