ޓެކްސް ނުދައްކާ ފަރާތްތަކުގެ އަތުން ދައުލަތަށް ލިބެންޖެހޭ 882 މިލިއަން ރުފިޔާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިދިޔަ މަހު ހޯދައިފިއެވެ.
މީރާއިން ހާމަކޮށްފައިވާ ގޮތުގައި މި ފައިސާގެ ތެރޭގައި އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޑިއުސް ކްލިއަރެންސްގެ ގޮތުގައި ހޯދި 411 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ފައިސާ ނުދައްކާ ފަރާތްތަކަށް އެކަން ހަނދާންކޮށްދީގެން ކުރި ތަފާތު މަސައްކަތްތަކުން 397 މިލިއަން ރުފިޔާ ހޯދާފައިވާއިރު، އިންސްޓޯލްމަންޓް ޕްލޭންތަކުގެ ދަށުން 61 މިލިއަން ރުފިޔާ އަދި އީމެއިލް އާއި ފޯނު ކޯލް މެދުވެރިކޮށް ރިމައިންޑަރ ދީގެން 13 މިލިއަން ރުފިޔާ ވަނީ ދައުލަތަށް ހޯދާފައެވެ.
ޓެކްސް ނުދައްކާ ފަރާތްތަކުން ފައިސާ ހޯދުމަށް މީރާއިން ގިނަ ފިޔަވަޅުތަކެއް އަޅަމުންދާއިރު، ދާދި ފަހުން ވަނީ އިންކަމް ޓެކްސް ނުދައްކާ 43 ވިޔަފާރިއެއްގެ ނަން ވެސް އާންމުކޮށްފައެވެ.
މީރާގެ އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު، އެކި ގޮތްގޮތުން ދައުލަތަށް ނުލިބި ހުރި ފައިސާގެ ޖުމްލަ އަދަދު 15 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާނެކަމަށް ލަފާކުރެވެއެވެ. މީގެ ތެރޭގައި ވިޔަފާރިތަކުން ދައްކަންޖެހޭ ޖީއެސްޓީ އާއި، ރިސޯޓުތަކުގެ ބިމު ކުލީގެ ގޮތުގައި ނުދައްކާ ހުރި ފައިސާގެ އިތުރުން ކުންފުނިތަކުގެ ފައިދާއިން ދައްކަންޖެހޭ ކޯޕަރޭޓް އިންކަމް ޓެކްސްގެ ބޮޑެތި އަދަދުތައް ހިމެނެއެވެ.
ކޮމެންޓު ފޮނުވާ