އީރާނުގެ ފައިސާ ދޫނުކުރަނީސް ހުރުމުޒު ކަނޑުއޮޅި ނުހުޅުވާނެ ކަމުގެ އިންޒާރު ދީފި

އީރާނުގެ ފައިސާ ދޫނުކުރަނީސް ހުރުމުޒު ކަނޑުއޮޅި ނުހުޅުވާނެ ކަމުގެ އިންޒާރު ދީފި

Author
އަހުމަދު
25 އޭޕްރިލް 2026 01:09
0

އީރާނުގެ ހިފަހައްޓާފައިވާ މާލީ އެސެޓްތައް ދޫކޮށްނުލަނީސް، ދުނިޔޭގެ ތެލުގެ ވިޔަފާރީގެ އެންމެ މުހިންމު މަގު ކަމަށްވާ ހުރުމުޒު ކަނޑުއޮޅި ބަންދުކޮށްފައި ބާއްވާނެ ކަމުގެ ވަރުގަދަ އިންޒާރެއް އެ ގައުމުން ދީފިއެވެ.

އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާޣޗީ މި އިންޒާރު ދެއްވީ، ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ބޭރުގެ ބޭންކުތަކުގައި ފްރީޒްކޮށްފައިވާ އެ ގައުމުގެ ފައިސާއާ ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ. އީރާނުން ސިފަކުރާ ގޮތުގައި އެއީ އެ ގައުމުން "ވަގަށް ނަގާފައިވާ މުއްސަނދިކަމެ"ވެ. އެހެންކަމުން ތެހެރާނުން މިހާރު ބޭނުންވަނީ ހަމައެކަނި ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ހޯދުމުގެ ބަދަލުގައި، ފާއިތުވި ދިހަވަރަކަށް އަހަރުގެ އިންޓްރަސްޓާއެކު އެ ފައިސާ އެއްކޮށް އަނބުރާ ހޯދުމަށެވެ. ރިޕޯޓްތައް ބުނާގޮތުން އީރާނުގެ ހިފަހައްޓާފައިވާ ފައިސާގެ އަދަދު 100 ބިލިއަނާއި 120 ބިލިއަން ޑޮލަރާ ދެމެދަށް އަރައެވެ.

ދުނިޔޭގެ ކަނޑުމަގުން ކުރާ ތެލުގެ ވިޔަފާރީގެ ބޮޑު ބައެއް ހިއްސާކުރާ ހުރުމުޒު ކަނޑުއޮޅި ބަންދުކޮށްފާނެ ކަމުގެ ބިރާއެކު، ބައިނަލްއަގުވާމީ މާލީ ބާޒާރަށާއި ސިޔާސީ މަޝްރަހަށް ވަނީ ބޮޑެތި ނުތަނަވަސްކަމެއް ކުރިމަތިވެފައެވެ. މުހައްލިލުން ލަފާކުރާ ގޮތުގައި އީރާނުން މިފަދަ ހަރުކަށި ފިޔަވަޅެއް އަޅައިފިނަމަ ދުނިޔޭގެ އިގްތިސާދަށް އޭގެ ވަރަށް ނޭދެވޭ އަސަރު ކުރާނެއެވެ. ނަމަވެސް، އީރާނުގެ ޚާރިޖީ ވަޒީރުގެ ވާހަކަފުޅުން ސާފުވަނީ، އެ ގައުމުގެ މުއްސަނދިކަން އަނބުރާ ނުލިބެނީސް ބައިނަލްއަގުވާމީ މި މުހިންމު މަގު ހުޅުވާލުމުގެ އެއްވެސް ޝައުގުވެރިކަމެއް ތެހެރާނުން ނުގެންގުޅޭ ކަމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.