ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި މިހާތަނަށް 20،000 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ހުށަނާޅާ އިތުރު 16،000 އެއްހާ ފޯމު ސިސްޓަމްގައި އެބަހުރި ކަމަށާއި، އެހެންކަމުން ޖުމްލަ 36،000 ވަރަކަށް އެޕްލިކޭޝަން ލިބޭނެ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ. މާލޭގައި ދިރިއުޅޭ ފަރާތްތަކަށް އަމާޒުކޮށްގެން ހުޅުވާލާފައިވާ މި ފުރުޞަތުގެ ސުންގަޑިއަކީ އަންނަ މެއި މަހުގެ 31 ވަނަ ދުވަހެވެ.
މި މަޝްރޫޢުގެ ދަށުން 1،250 އަކަފޫޓުގެ 15،000 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. މީގެ ތެރެއިން މާލޭގެ ރަށްވެހިންނާއި ޚާއްޞަ ކެޓަގަރީތަކަށް ގްރޭޓަރ މާލެ ސަރަޙައްދާއި ރަސްމާލެއިން ގޯތި ދޫކުރާއިރު، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ގޯތި ދޭނީ ރަސްމާލެއިންނެވެ. މީގެ އިތުރުން 7،900 ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ މާލޭ ރަށްވެހިންނަށް ޚާއްޞަ 4،000 ފްލެޓާއި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1،500 ފްލެޓްގެ އިތުރުން ޚާއްޞަ ކެޓަގަރީތަކަށް ކަނޑައެޅިފައިވާ 2،400 ފްލެޓެވެ.
ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސްކީމަށް މުހިންމު ބަދަލުތަކެއް ގެންނަވާފައެވެ. އެގޮތުން، އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ގޯއްޗެއް އޮތް ނަމަވެސް ވަކިން ކުރިމަތިލެވޭނެ ޚާއްޞަ ކެޓަގަރީއެއް މިހާރު ވަނީ ތަޢާރަފްކޮށްފައެވެ. އަދި ކުރީ ސަރުކާރުގެ "ބިންވެރިޔާ" ސްކީމްގެ ދަށުން ޖޮއިންޓްކޮށް ގޯތި ލިބުނު މީހުންގެ ތެރެއިން އެ ގޯތި ދޫކޮށްލަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަކޮށްގެން 2،000 ގޯތި ދޫކުރުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ.
ކޮމެންޓު ފޮނުވާ