ބަންކަރިންގެ ކާމިޔާބީއާއެކު އެސްޓީއޯއަށް ފުރަތަމަ ކުއާޓަރުގައި 785 މިލިއަން ރުފިޔާގެ ފައިދާއެއް

ބަންކަރިންގެ ކާމިޔާބީއާއެކު އެސްޓީއޯއަށް ފުރަތަމަ ކުއާޓަރުގައި 785 މިލިއަން ރުފިޔާގެ ފައިދާއެއް

Author
ޙަސަން މުޙައްމަދު
22 އޭޕްރިލް 2026 11:09
0

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ބަންކަރިންގެ ޚިދުމަތާއެކު ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަށް އާމްދަނީގެ ގޮތުގައި ބޮޑު ކުރިއެރުމެއް ލިބި، ޖުމުލަ ފައިދާ 785 މިލިއަން ރުފިޔާއަށް އަރައިފިއެވެ.

އެ ކުންފުނިން އާންމުކޮށްފައިވާ މާލީ ތަފާސްހިސާބުތައް ދައްކާގޮތުން، ނިމިދިޔަ ކުއާޓަރުގައި 5.49 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރުގެ ފަހު ކުއާޓަރުގައި ލިބުނު 4.14 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 33 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. މީގެ އިތުރުން ހިންގުމުގެ ފައިދާގެ ގޮތުގައި 368 މިލިއަން ރުފިޔާ ލިބިފައިވާއިރު، ސާފު ފައިދާ ވަނީ 13 އިންސައްތައިގެ ކުރިއެރުމަކާއެކު 276 މިލިއަން ރުފިޔާއަށް އަރާފައެވެ. މި ނަތީޖާއާއެކު، ހިއްސާއަކަށް 245 ރުފިޔާ ބަހަން އެސްޓީއޯއިން ވަނީ ކަނޑައަޅާފައެވެ.

އެސްޓީއޯގެ އާމްދަނީ އެހާ ބޮޑަށް އިތުރުވެފައިވަނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގަށް އައި ބަދަލުތަކާއި، ކުންފުނިން ވިއްކި ތެލުގެ މިންވަރު 27 އިންސައްތަ އިތުރުވުމާ ގުޅިގެން ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ. ޚާއްޞަކޮށް، އަލަށް ފެށި ބަންކަރިން ޚިދުމަތް މެދުވެރިކޮށް 18 މިލިއަން ލީޓަރުގެ ތެޔޮ ވިއްކައިގެން އެ ކުންފުނިން ވަނީ ބޮޑު ފައިދާއެއް ހޯދާފައެވެ.

ނެދަލޭންޑްސްގެ ވިޓޯލް ކުންފުންޏާ ގުޅިގެން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އިހަވަންދިއްޕޮޅުގައި ފެށި ބަންކަރިން މަޝްރޫޢުން މާރިޗު މަހުގެ ނިޔަލަށް 730 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ދާދިފަހުން ވަނީ ވިދާޅުވެފައެވެ. މި މަޝްރޫޢަކީ އަހަރަކު 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެކަމަށް އަންދާޒާކޮށް ފެށި މަސައްކަތެއް ނަމަވެސް، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފަދަ ބޭފުޅުން ވަނީ މި އަދަދުތަކާ މެދު ސުވާލު އުފައްދަވައި ފާޑުވިދާޅުވެފައެވެ. އެގޮތުން ރައީސް ޔާމީން ވިދާޅުވެފައިވަނީ، ބަންކަރިންއަކީ އެންމެ ފަސް މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކަމަށާއި، އެއިން 400 މިލިއަން ޑޮލަރު ފަދަ ބޮޑު އާމްދަނީއެއް ނުލިބޭނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.