ޑެޕިއުޓީ ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމަށް ހާނިމް އައްޔަންކުރައްވައިފި

ޑެޕިއުޓީ ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމަށް ހާނިމް އައްޔަންކުރައްވައިފި

Author
ޙަސަން މުޙައްމަދު
22 އޭޕްރިލް 2026 04:14
0

ރާއްޖޭގެ ކުޅިވަރުގެ ދާއިރާގައި ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ތަޖުރިބާކާރު އެޑްމިނިސްޓްރޭޓަރު އަދި ކުރީގެ މަޝްހޫރު އެތުލީޓް މުހައްމަދު ހާނިމް، ޑެޕިއުޓީ ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމަށް އައްޔަންކުރައްވައިފި އެވެ.

ކުޅިވަރު ގާނޫނުގެ ދަށުން ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމު އުފައްދާފައިވީ ނަމަވެސް، ޑެޕިއުޓީއެއްގެ މަގާމަކީ ގާނޫނުގައި ބަޔާންކޮށްފައިވާ މަގާމަކަށް ނުވާތީ، މިއީ މި މަގާމު އުފައްދައި ބޭފުޅަކު ހަމަޖެއްސި ފުރަތަމަ ފަހަރެވެ. ކުޅިވަރު ކްލަބް ޖަމިއްޔާތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމުގައި މިހާރު ހުންނެވީ މުހައްމަދު ތޮލާލެވެ. ތޮލާލްގެ ނައިބަކަށް އައްޔަންކުރެއްވި ހާނިމަކީ މިހާރު ސްކޭޓިން އެސޯސިއޭޝަނުގެ ރައީސްގެ އިތުރުން، މީގެ ކުރިން ސްޕޯޓްސް މިނިސްޓްރީގައި ވެސް އިސް ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

ކުޅިވަރުގެ މައިދާނުގައި ހާނިމް ވަނީ ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހޯއްދަވާފަ އެވެ. ޒުވާން ދުވަސްވަރު ބާރު ދުވުންތެރިއެއްގެ ގޮތުގައާއި ގައުމީ ފެންވަރުގެ ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ފެނިގެންދިޔަ ހާނިމް ވަނީ 1988 ވަނަ އަހަރު ރާއްޖެއިން ފުރަތަމަ ފަހަރަށް ވާދަކުރި ސޯލް އޮލިމްޕިކްސްގައި ގައުމީ ޓީމަށް ދުވެދީފަ އެވެ. އޭގެ ފަހުން އޭނާ ވަނީ ގައުމީ އެތުލެޓިކްސް ޓީމުގެ ކޯޗުކަން ކުރައްވައި، ކަސްރަތަށް އާންމުން ހޭލުންތެރި ކުރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ. މީގެ އިތުރުން، 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ފުޓްބޯޅަ ޓީމާއި 2005 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ތިންވަނަ ހޯދި ނިއު ރޭޑިއަންޓް ޓީމުގެ މެނޭޖަރުކަން ވެސް ކުރެއްވީ ހާނިމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.