ޓީޓީއަށް ޑޮލަރު ދޫކުރުން ހުއްޓާލިކަމަށް ދެކެވޭ ވާހަކަތައް ބީއެމްއެލްއިން ދޮގުކޮށްފި

ޓީޓީއަށް ޑޮލަރު ދޫކުރުން ހުއްޓާލިކަމަށް ދެކެވޭ ވާހަކަތައް ބީއެމްއެލްއިން ދޮގުކޮށްފި

Author
ހުސައިން
20 އޭޕްރިލް 2026 11:36
0

ވިޔަފާރިތަކަށް ޓީޓީ ހެދުމަށް ޑޮލަރު ދޫކުރުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުއްލިއަކަށް ހުއްޓާލައިފިކަމަށް ބުނެ ފަތުރަމުންދަނީ ކަނޑައެޅިގެން ދޮގު ޚަބަރެއްކަމަށާއި، އެ ޚިދުމަތް މެދުކެނޑުމެއްނެތި ކުރިއަށްދާކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.

ރާއްޖެއަކީ ބޭރުން މުދާ އެތެރެކުރުމަށް ބަރޯސާވާ ގައުމަކަށް ވާއިރު، ވިޔަފާރިތަކަށް ބޭނުންވާ ޑޮލަރު ކުރިންވެސް ވިއްކަމުން އައި އުސޫލުން އަންނަނީ ދޫކުރަމުންނެވެ. ބީއެމްއެލްއިން ބުނި ގޮތުގައި، ކޮންމެ ވިޔަފާރިއަކަށްވެސް ކަނޑައެޅިފައިވާ ލިމިޓުގެ ތެރެއިން އެންމެ ބޮޑު އަދަދަކަށް ޑޮލަރު ފޯރުކޮށްދެމުންދެއެވެ. އަދި މިހާތަނަށް ޓީޓީ ހެދުމަށް ޑޮލަރަށް އެދުނު އެއްވެސް ފަރާތަކަށް އެހީތެރިކަން ފޯރުކޮށްނުދެވި ނެތްކަމުގެ ޔަގީންކަން އެ ބޭންކުން ވަނީ ދީފައެވެ.

ބޭންކުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކަނިވެސް ޓީޓީގެ ގޮތުގައި 106.2 މިލިއަން ޑޮލަރު ވަނީ ވިއްކާފައެވެ. މިއީ މަހެއްގެ މައްޗަށް ބަލާނަމަ ގާތްގަނޑަކަށް 35.4 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 142 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. މީގެ އިތުރުން މިއަހަރުގެ މިހާތަނަށް 38،855 ޓީޓީއަށް ފައިސާ ދޫކޮށްފައިވާއިރު، ހިނގަމުންމިދާ އެޕްރީލް މަހު އެކަނިވެސް 6،800 އަށްވުރެ ގިނަ ޓީޓީ ވަނީ ހަދައިދީފައެވެ. އަދި އިއްޔެ އެކަނިވެސް 327 ޓީޓީއަކަށް ނުވަ ލައްކައަށްވުރެ ގިނަ ޑޮލަރު ވިއްކާފައިވާކަން ބޭންކުން ފާހަގަކުރެއެވެ.

ދުނިޔޭގެ އިގުތިސާދަށް އަންނަ ބަދަލުތަކާއި މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ވަންނަ ޑޮލަރަށްވުރެ ބޭރުކުރާ ޑޮލަރުގެ ނިސްބަތް އިތުރުވެ، ލިކުއިޑިޓީއަށް ގޮންޖެހުންތަކެއް ހުރިނަމަވެސް، ކާބޯތަކެއްޗާއި ބޭސްފަރުވާ ފަދަ ޒަރޫރީ ބޭނުންތަކަށް ބޭންކުން އަންނަނީ ޚާއްސަ އިސްކަމެއް ދީގެން ޑޮލަރު ފޯރުކޮށްދެމުންނެވެ. ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއެކު ޑޮލަރު ދޫކުރުމަށްޓަކައި ލިމިޓްތަކެއް ކަނޑައަޅާފައިވުމުން، ބައެއް ފަހަރު ވިޔަފާރިތަކުން އެދޭ މުޅި އަދަދު އެއްފަހަރާ ނުދެވުމަކީ އެކަށީގެންވާ ކަމެއްކަން ބީއެމްއެލްއިން ސާފުކޮށްދެއެވެ.

ބޭންކުގެ މުއާމަލާތްތަކާ ގުޅޭގޮތުން ރައްޔިތުންނާއި ވިޔަފާރިވެރިންގެ މެދުގައި ނުތަނަވަސްކަން އުފެދޭގޮތަށް ޒިންމާދާރުކަންކުޑަ ގޮތެއްގައި ބައެއް ފަރާތްތަކުން ހަގީގަތާ ޚިލާފު ދޮގު ވާހަކަތައް ފަތުރަމުންދާތީ، އެކަމާ ކަންބޮޑުވެ ހިތާމަކުރާކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.