ހޮރްމޫޒް ކަނޑުއޮޅީގެ މައްސަލަ ހޫނުވެ، އެމެރިކާއާއި އިސްރާއީލަށް އީރާނުން ވަރުގަދަ އިންޒާރެއް ދީފި

ހޮރްމޫޒް ކަނޑުއޮޅީގެ މައްސަލަ ހޫނުވެ، އެމެރިކާއާއި އިސްރާއީލަށް އީރާނުން ވަރުގަދަ އިންޒާރެއް ދީފި

Author
އަހުމަދު
18 އޭޕްރިލް 2026 11:32
0

ހޮރްމޫޒް ކަނޑުއޮޅީގެ ނުތަނަވަސްކަން އިންތިހާއަށް ގޮސްފައިވާ މި ދަނޑިވަޅުގައި، އެމެރިކާއާއި އިސްރާއީލުގެ ފައުޖުތައް ބަލިކޮށްލުމަށް އީރާނުގެ ކަނޑުގެ ސިފައިން ތިބީ ފުރިހަމައަށް ތައްޔާރަށް ކަމަށް އެ ގައުމުގެ އެންމެ މަތީ ލީޑަރު މުޖުތަބާ ޚާމަނާއީ އިންޒާރު ދެއްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓުތަކެއްގައި ޚާމަނާއީ ވިދާޅުވީ، އީރާނުގެ ޑްރޯންތަކުން ދުޝްމަނުންނަށް ހަމަލާދޭ ފަދައިން، ކަނޑުގެ ސިފައިން ވެސް ތިބީ އެމެރިކާއާއި އިސްރާއީލަށް ހިތި ނާކާމިޔާބީއެއް ދައްކާލަން ތައްޔާރަށް ކަމަށެވެ. މި އިންޒާރު އައިސްފައިވަނީ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ އެންމެ މުހިންމު މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި އީރާނުން ބަންދުކޮށް، އެ ސަރަހައްދުގެ ކޮންޓްރޯލް ނަގާފައިވާ ވަގުތެއްގައެވެ. ކަނޑުދަތުރުކުރާ ފަރާތްތަކަށް އީރާނުން އިންޒާރު ދީފައިވާއިރު، އެ ސަރަހައްދުން ދަތުރުކުރި ދެ އުޅަނދަކަށް މިހާރު ވަނީ ހަމަލާވެސް ދީފައެވެ. އަދި އީރާނުގެ އަސްކަރިއްޔާއިން އޮތީ އެކުވެރި ބާރުތަކާ ގުޅިގެން ދުޝްމަނުންގެ ބަލިކަށިކަން ދުނިޔެއަށް ހާމަކޮށްދިނުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ދުނިޔޭގެ ހަކަތަ ފޯރުކޮށްދިނުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެކަމުގެ ބިރު ވަނީ ހީވެފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އީރާނާއެކު ރަނގަޅު މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށާއި، ނަމަވެސް އެމެރިކާ "ބްލެކްމެއިލް" ނުކުރެވޭނެ ކަމަށެވެ. މެރިޓައިމް ސެކިއުރިޓީ ފަރާތްތަކުން މައުލޫމާތު ދޭގޮތުގައި، ވިޔަފާރި އުޅަނދުތަކަށް އީރާނުގެ ކަނޑުގެ ސިފައިން އަންނަނީ އެ ސަރަހައްދުން ދަތުރުނުކުރުމަށް އަންގައި ރޭޑިއޯ މެސެޖުތައް ފޮނުވަމުންނެވެ. އީރާނުން ބުނާ ގޮތުގައި ކަނޑުއޮޅީގެ ކޮންޓްރޯލް އެމީހުން ނެގީ، އެމެރިކާއިން އުސޫލުތަކާ ޚިލާފަށް ބްލޮކޭޑެއްގެ ނަމުގައި ކަނޑުފޭރުމުގެ އަމަލުތައް ހިންގަމުންދާތީއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކަކާ ގުޅިގެން ފެށުނު މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. މައްސަލަ ހައްލުކުރުމަށް ޕާކިސްތާނުގައި ކުރިއަށްދިޔަ ސުލްހައިގެ މަޝްވަރާތައް ނާކާމިޔާބުވެފައިވާއިރު، ޓްރަމްޕް ވަނީ ބުދަ ދުވަހުގެ ކުރިން ދާއިމީ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، ހަނގުރާމަ އަލުން ފަށައި އީރާނުގެ ބަނދަރުތައް ބަންދުކުރާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.