ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) ގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ ފެބްރުއަރީ މަހު ރާއްޖޭގެ ބާޒާރުގައި މުދަލާއި އާންމު ހިދުމަތްތަކުގެ އަގުތައް ވަނީ އުފުލިފައެވެ.
އެންބީއެސް އިން އާންމުކޮށްފައިވާ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ރިޕޯޓުން ހާމަވާގޮތުގައި، މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު މިއަހަރުގެ އެ މުއްދަތުގައި އަގުތަކަށް ވަނީ 0.04 ޕަސެންޓުގެ ކުރިއެރުމެއް އައިސްފައެވެ. އަދި ހަމައެހެންމެ، މިއަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު ފެބްރުއަރީ މަހު މުދަލުގެ އަގުތައް 0.67 ޕަސެންޓް އުފުލިފައިވާއިރު، ކަނޑުމަހުގެ އަގުތަކަށް އައި ބަދަލު ނުހިމަނައި މި ނިސްބަތް ހުރީ 0.57 ޕަސެންޓުގައެވެ.
މި މުއްދަތުގެ ތެރޭގައި އެންމެ ބޮޑަށް އަގު އުފުލިފައިވަނީ މޭވާ އާއި ކަރަންޓުގެ ހިދުމަތުންނެވެ. އެގޮތުން މޭވާގެ އަގު 5.96 ޕަސެންޓް އުފުލުނުއިރު، ކަރަންޓުގެ އަގު ވަނީ 4.06 ޕަސެންޓް ބޮޑުވެފައެވެ. މީގެ އިތުރުން ތަރުކާރީން 3.57 ޕަސެންޓް، ފަރުނީޗަރާއި ކާޕެޓުން 3.52 ޕަސެންޓް، ކަނޑުމަހުން 2.51 ޕަސެންޓް އަދި ކިރާއި ބިސް ފަދަ ބާވަތްތަކުން 0.42 ޕަސެންޓުގެ ބޮޑުވުމެއް ވަނީ ފާހަގަކުރެވިފައެވެ.
މި ބާވަތްތަކުގެ އަގުތައް އުފުލުނު ނަމަވެސް، ބައެއް ހިދުމަތްތަކުގެ އަގުތައް ވަނީ މި މުއްދަތުގައި ދަށަށް ގޮސްފައެވެ. ސީޕީއައި ރިޕޯޓުގައި ބުނެފައިވާ ގޮތުން، ވައިގެ ދަތުރުފަތުރުގެ އަގުތަކުން 1.56 ޕަސެންޓް ދަށަށް ގޮސްފައިވާއިރު، މޯބައިލް މުވާސަލާތީ ހިދުމަތްތަކުގެ އަގުތައްވެސް ވަނީ 0.39 ޕަސެންޓް ހެޔޮވެފައެވެ.
ކޮމެންޓު ފޮނުވާ