ދާއިމީ ޗެއާޕާސަނަކު އިންތިހާބު ކުރެވެންދެން އެމްޑީޕީ ހިންގުން ޕާޓީގެ އިސް ފަސް ލީޑަރުން ހިމެނޭ އިންތިގާލީ ކޮމިޓީއަކާ ހަވާލުކުރުމަށް އެ ޕާޓީން އެއްބަސްވެއްޖެ އެވެ.
ނިމިދިޔަ އިންތިހާބަށްފަހު ޕާޓީގެ އެތެރޭގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކަށް ހައްލެއް ހޯދުމުގެ ގޮތުން ލީޑަރުންގެ މެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު އެކުލަވާލާ މި އިންތިގާލީ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްގަފޫރު މޫސާ އާއި، ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލެވެ. މި ކޮމިޓީގެ މައިގަނޑު މަގުސަދަކީ އާ ޗެއާޕާސަނަކު އިންތިހާބު ކުރެވެންދެން ޕާޓީގެ ކަންކަން ވަގުތީ ގޮތުން ބެލެހެއްޓުމެވެ.
މި ބަދަލުތަކާއެކު، ކުރީގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ގައުމީ މަޖިލީހުގެ ދާއިމީ މެންބަރުކަން ލިބޭ ގޮތަށް ގަރާރެއް ފާސްކޮށް، ރައީސް ނަޝީދަށް ގައުމީ މަޖިލީހުން ޖާގަ ދިނުމަށްވެސް ވަނީ ނިންމާފަ އެވެ. ކުރީގެ ރައީސް ސޯލިހަކީ މިދިޔަ އެމްޑީޕީ ސަރުކާރުގެ ކެބިނެޓް މެންބަރުންނަށް ގައުމީ މަޖިލީހުން ޖާގަ ދިނުމަށް މީގެ ކުރިން ނިންމާފައިވާ ނިންމުމުގެ ދަށުން މިހާރުވެސް ގައުމީ މަޖިލީހުގެ މެންބަރެކެވެ.
މި ކޮމިޓީ ނެގުމަށާއި، ކުރީގެ ރައީސުންނަށް ގައުމީ މަޖިލީހުގެ މެންބަރުކަން ދިނުމުގެ ގަރާރު ފާސްކުރުމަށްޓަކައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ސިއްރު ކުއްލި ބައްދަލުވުމެއް މިރޭ ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ކޮމެންޓު ފޮނުވާ