"ފަވަރަ" ޕޭމަންޓް ސިސްޓަމްގެ ޝަކުވާތަކަށް އެމްއެމްއޭއިން ޚާއްސަ ހޮޓްލައިނެއް ތަޢާރަފުކޮށްފި

"ފަވަރަ" ޕޭމަންޓް ސިސްޓަމްގެ ޝަކުވާތަކަށް އެމްއެމްއޭއިން ޚާއްސަ ހޮޓްލައިނެއް ތަޢާރަފުކޮށްފި

Author
ޙަސަން މުޙައްމަދު
10 އޭޕްރިލް 2026 07:43
0

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ "ފަވަރަ" ޕޭމަންޓް ސިސްޓަމާ ގުޅޭ ޝަކުވާތައް ހުށަހެޅުމަށް "1544″ ގެ ނަމުގައި ޚާއްސަ ހޮޓްލައިނެއް ތަޢާރަފުކޮށްފިއެވެ.

މަރުކަޒީ ބޭންކުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އާ ހޮޓްލައިން އިފްތިތާޙުކޮށްދެއްވީ ގަވަރުނަރު އަޙުމަދު މުނައްވަރެވެ. އެމްއެމްއޭއިން މަޢުލޫމާތު ދޭގޮތުގައި، އަލަށް ތަޢާރަފުކުރެވުނު މި ނަންބަރަކީ ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، އާންމުންނަށް ދިމާވާ މައްސަލަތަކަށް އަވަސް އަދި ލުއިފަސޭހަ ޙައްލެއް ހޯދައިދިނުމުގެ މަޤްޞަދުގައި ޤާއިމުކުރި ނަންބަރެކެވެ. މި ހޮޓްލައިން މެދުވެރިކޮށް ހުށަހެޅޭ މައްސަލަތައް ބަލައި، އެކަންކަމަށް ޙައްލު ހޯދައިދިނުމުގެ އެންމެހާ މަސައްކަތްތައް ކުރިއަށް ގެންދާނީ ސީދާ ޕޭމަންޓް މޯލްޑިވްސްގެ ފަރާތުންނެވެ.

ފަވަރަ އަދި ޕޭމަންޓް މޯލްޑިވްސްގެ އެހެނިހެން ޚިދުމަތްތަކަށް 1544 ޚާއްސަކުރެވުނު ނަމަވެސް، މާލީ އެހެނިހެން ޚިދުމަތްތަކާ ގުޅޭ އާންމު ޝަކުވާތައް ހުށަހެޅުމަށް އާންމުން ކުރިންވެސް ބޭނުންކުރަމުން އައި 1444 ގެ ޚިދުމަތް އެއްވެސް މެދުކެނޑުމެއްނެތި ކުރިއަށްދާނެކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ. މި އާ ބަދަލާއެކު ރާއްޖޭގެ ބޭންކިންގ އަދި މާލީ ނިޒާމުގެ ތެރެއިން ކުރެވޭ ފައިސާގެ މުޢާމަލާތްތަކުގައި ކަސްޓަމަރުންނަށް ދިމާވާ ގޮންޖެހުންތަކަށް އަވަސް ޙައްލެއް ލިބި، މުޅި ނިޒާމަށް އޮންނަ އިތުބާރު ބޮޑުވެގެންދާނެކަމަށް އެ އޮތޯރިޓީން އުންމީދުކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.