މާލެ-ހުޅުމާލެ ހައިވޭ ކައިރީގައި ރޭސިން ޓްރެކެއް ހަދަން ބިން ހިއްކަން ފަށަނީ

މާލެ-ހުޅުމާލެ ހައިވޭ ކައިރީގައި ރޭސިން ޓްރެކެއް ހަދަން ބިން ހިއްކަން ފަށަނީ

Author
ޙަސަން މުޙައްމަދު
02 އޭޕްރިލް 2026 02:22
0

މާލެ އާއި ހުޅުމާލެ ގުޅުވައިދޭ ހައިވޭއާ އިންވެގެން ރޭސިން ޓްރެކެއް ތަރައްޤީކުރުމަށްޓަކައި 2 ކިލޯމީޓަރުގެ ސަރަހައްދެއް ހިއްކުމުގެ މަސައްކަތް އެމްއޭސީއެލް އިން ފަށަން ތައްޔާރުވެއްޖެއެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް ވިދާޅުވި ގޮތުގައި، މި މަޝްރޫޢަށް ބޭނުންވާ މެޝިނަރީޒް އާއި އާލާތްތައް މިހާރު ވަނީ ސައިޓަށް ގެންގޮސްފައެވެ. އަދި ވަރަށް އަވަހަށް އަމަލީ ގޮތުން ބިން ހިއްކަން ފެށޭނެ ކަމަށް އޭނާ ވިދާޅުވި ނަމަވެސް، މަސައްކަތް އެއްކޮށް ނިމޭނެ ތާރީޚެއް ހާމަކުރައްވާފައެއް ނުވެއެވެ. މި މަސައްކަތް ކުރިއަށްގެންދަނީ އެމްއޭސީއެލްގެ ބިން ހިއްކާ ސަބްސިޑަރީ ކުންފުނިން ކަމަށްވާއިރު، ހިއްކުމަށް ހަމަޖެހިފައިވަނީ ހުޅުލެ ކޮޅުން ސިނަމާލެ ބްރިޖާ ގުޅޭ ހިސާބުން ފެށިގެން އުތުރަށް އޮންނަ ސަރަހައްދެވެ.

މީހުން ދިރިއުޅޭ ސަރަހައްދުތަކާ ދުރުގައި، ރައްކާތެރި މާހައުލެއްގައި ޒުވާނުންނަށް ރޭސިންގެ ކަންކަން ކުރިއަށްގެންދެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި "ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް" އަދި ދާދި ފަހުން ބޭއްވި "އެސްޕްރެސޯ ވިތު ރައީސް" ބައްދަލުވުމުގައި ވެސް ރައީސް ވަނީ މި މަޝްރޫޢުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން ހައިވޭ ސަރަހައްދު ޚިޔާރުކުރެއްވީ އެކަމަށް ބޭނުންވާ ދިގުމިން އެތަނުން ލިބޭތީކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރޭސިން ޓްރެކުގެ އިތުރުން، ޒުވާނުންނަށް އަމާޒުކޮށްގެން މާލޭ ރާޅުގަނޑު ސަރަހައްދުގައި ސާފިން ސްޓޭޑިއަމެއް ހެދުމުގެ މަސައްކަތްވެސް މިހާރު ވަނީ ބަޔަކާ ހަވާލުކޮށްފައެވެ. އަދި އާކޭޑް ގޭމް ސެންޓަރަކާއި ބޯލިން އެރީނާއެއް ތަރައްޤީކުރުމަށް ބޭނުންވާ ބިން ސްޕޯޓްސް މިނިސްޓްރީއާ ހަވާލުކުރެވިފައިވާކަންވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.