ކުދި ވިޔަފާރިތަކުގެ ދުވަހުން ދުވަހުގެ ޚަރަދުތައް ހަމަޖެއްސުމަށް އެހީތެރިވުމުގެ ގޮތުން، އެސްއެމްއީ ޑިޖިޓަލް އިން އިސްލާމީ ޝަރީޢާގެ އުސޫލުތަކާ އެއްގޮތަށް ދޫކުރާ "ވޯކިންގ ކެޕިޓަލް ފައިނޭންސިންގ" ކުޅުދުއްފުށި ސިޓީގައި އިފްތިތާޙުކޮށްފިއެވެ.
ރަޖިސްޓްރީކޮށްގެން ހިންގާތާ މަދުވެގެން ހަ މަސްދުވަސް ވެފައިވާ ވިޔަފާރިތަކަށް އަމާޒުކޮށްގެން ތަޢާރަފުކުރި މި ފެސިލިޓީގެ ދަށުން ދެ މިލިއަން ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެއެވެ. އަދި ރަހުނަކާ ނުލައި އެއް މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިންގ ހޯދުމުގެ ފުރުޞަތު އޮތްއިރު، ފައިސާ އަނބުރާ ދެއްކުމަށް ފަސް އަހަރުގެ މުއްދަތެއް ލިބެއެވެ. އޭގެ އިތުރުން ހަ މަސްދުވަހުގެ ގްރޭސް ޕީރިއަޑެއްވެސް ވިޔަފާރިތަކަށް ލިބިގެންދާނެއެވެ.
މި ޚިދުމަތަކީ ވިޔަފާރިތަކުގެ ކޭޝް ފްލޯ މެނޭޖްކުރުމަށާއި މުދާ ގަތުމަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ފަރުމާކޮށްފައިވާ ޕްރޮޑަކްޓެކެވެ. އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ޙަސަން ފާހަގަކުރެއްވި ގޮތުގައި، ގިނަ ވިޔަފާރިތަކަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކުރު މުއްދަތުގެ ކޭޝްފްލޯގެ ދަތިކަމެވެ. އެހެންކަމުން މި ފައިނޭންސިންގގެ މައިގަނޑު ބޭނުމަކީ ވިޔަފާރިތައް މެދުނުކެނޑި ހިންގުމަށް ބޭނުންވާ މާލީ އެހީތެރިކަން އަވަސް ފުރުޞަތެއްގައި ފޯރުކޮށްދީ، މަސައްކަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.
މި އައު ފެސިލިޓީ އިފްތިތާޙުކޮށްފައިވަނީ އެސްއެމްއީ ޑިޖިޓަލްގެ ޓީމުން މާރިޗު މަހުގެ 27 އިން 29 އަށް ކުޅުދުއްފުށި ސިޓީއަށް ކުރި ޚާއްޞަ ދަތުރުގެ ތެރެއިންނެވެ. މި ދަތުރުގައި އެ ސިޓީގެ ވިޔަފާރިވެރިންނާ ބައްދަލުކޮށް، މާލީ އެހީތެރިކަން ހޯދޭނެ ގޮތްތަކުގެ މަޢުލޫމާތު ދިނުމުގެ އިތުރުން، އެޕްލިކޭޝަން ހުށަހެޅުމުގައިވެސް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އަދި ހޮނިހިރު ބާޒާރަށް ޒިޔާރަތްކޮށް ގިނަ ވިޔަފާރިވެރިންނާ ގުޅުން ބަދަހިކޮށްފައިވެއެވެ.
މިހާރު މި ލުއި ފައިނޭންސިންގއަށް އެދި ހުށަހެޅުމުގެ ފުރުޞަތު އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓް (www.smedigital.mv) ގައި ހިމެނޭ ޕޯޓަލް މެދުވެރިކޮށް ވަނީ އާންމުކޮށް ހުޅުވާލާފައެވެ.
ކޮމެންޓު ފޮނުވާ