މިދިޔަ އަހަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ލިބުނު ބޮޑު މާލީ ކުރިއެރުމާއެކު، ހިއްސާގެ ފައިދާގެ ގޮތުގައި ކޮންމެ ހިއްސާއަކަށް 60 ރުފިޔާ ބެހުމަށާއި ބޯނަސްގެ ގޮތުގައި އިތުރު ދެ ހިއްސާ ދިނުމަށް އެ ބޭންކުން ފާސްކޮށްފިއެވެ.
ރޭ ބާސެލޯ ނަސަންދުރާ ހޮޓަލުގައި ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި މިގޮތަށް ފާސްކޮށްފައިވާއިރު، ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 322.9 މިލިއަން ރުފިޔާ ބެހުމަށް ވަނީ ނިންމާފައެވެ. މިއީ އެ ބޭންކުގެ ތާރީހުގައި ވެސް ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ނިންމި އެންމެ ބޮޑު އަދަދެވެ. މި ބަދަލާއެކު، ބޯނަސް ހިއްސާ ދޫކުރުމަށްފަހު 50 ރުފިޔާގެ މޫނުމަތީ ހިއްސާގެ ބުކް ވެލިއު 1015.90 ރުފިޔާއަށް އަރާނެއެވެ. އަދި މި އަހަރު ކޮންމެ ހިއްސާއަކަށް ޖުމްލަ 2091.80 ރުފިޔާގެ ނަފާއެއް ލިބިގެންދާނެއެވެ.
މިދިޔަ އަހަރު ބީއެމްއެލްއަށް ސާފު ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު 9.8 އިންސައްތައިގެ ކުރިއެރުމެކެވެ. ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، މިއީ ބޭންކުގެ ވިޔަފާރީގެ ވަރުގަދަކަމާއި ކަސްޓަމަރުންގެ އިތުބާރު ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. އަދި ގައުމީ ބޭންކުގެ ހައިސިއްޔަތުން ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށާއި، ފަރުދުންނާއި ވިޔަފާރިތަކަށް ދިގު މުއްދަތުގެ ފައިދާ ހޯދައިދިނުމުގައި ބޭންކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
ބޭންކުގެ މާލީ ހިސާބުތަކަށް އައި ބޮޑު ކުރިއެރުމާއެކު ޖުމްލަ އެސެޓް ވަނީ 55.8 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މީގެ އިތުރުން، އަމިއްލަ ފަރުދުންނާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އިތުރުން އިގްތިސާދުގެ މުހިންމު ސިނާއަތްތަކަށް ލޯނާއި ފައިނޭންސިންގެ ގޮތުގައި މިދިޔަ އަހަރު އަލަށް 10 ބިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. މިއީ އެއް އަހަރު ތެރޭގައި ބީއެމްއެލް އިން އެންމެ ގިނަ އަދަދެއްގެ ލޯނު ދޫކުރި އަހަރެވެ. އަދި މިދިޔަ އަހަރު އަލަށް 30،000 އަށްވުރެ ގިނަ ކަސްޓަމަރުން ބޭންކާ ގުޅި، ކަސްޓަމަރުންގެ ޑިޕޮސިޓް ވަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 16 އިންސައްތަ އިތުރުވެފައެވެ.
ކޮމެންޓު ފޮނުވާ