ބީއެމްއެލްގެ ޚިދުމަތް ސްރީލަންކާއަށް ފުޅާކުރަން ލައިސަންސަށް އެދިއްޖެ

ބީއެމްއެލްގެ ޚިދުމަތް ސްރީލަންކާއަށް ފުޅާކުރަން ލައިސަންސަށް އެދިއްޖެ

Author
ޙަސަން މުޙައްމަދު
25 މާރޗް 2026 09:35
0

ރާއްޖޭގެ އެންމެ ބޮޑު ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޚިދުމަތްތައް ސްރީލަންކާއަށް ފުޅާކުރުމުގެ ގޮތުން އެ ގައުމުގައި ބްރާންޗެއް ހުޅުވުމުގެ ހުއްދައަށް އެދިއްޖެއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، ސްރީލަންކާގައި ބީއެމްއެލްގެ ބްރާންޗެއް ގާއިމުކުރުމަށް ބޭނުންވާ ލައިސަންސް ހޯދުމަށް އެ ގައުމުގެ ސެންޓްރަލް ބޭންކަށް މިހާރު ހުށަހަޅާފައިވާ ކަމަށެވެ. ރާއްޖެއިން ބޭރުގައި ބްރާންޗެއް ހުޅުވުމަށްޓަކައި ބޭންކުގެ ރައުސުލްމާލު ވަރަށް ބޮޑަށް ވަރުގަދަވާންޖެހޭކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ، ބީއެމްއެލްގެ ކެޕިޓަލް މިހާރު 16 ބިލިއަން ރުފިޔާގައި ހުރި ނަމަވެސް، ބޭރުގެ މާކެޓްތަކަށް ވަނުމަށް މިއަށްވުރެ ވެސް ފުރިހަމަ މާލީ ހާލަތެއް ބޭނުންވާ ކަމަށެވެ. އެހެން ނަމަވެސް ލަންކާގައި ބްރާންޗް ހުޅުވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް އޭނާ ވިދާޅުވިއެވެ.

ބޭންކުގެ މާލީ ހާލަތަށް ބަލާއިރު، 2025 ވަނަ އަހަރު ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު %9.8 ގެ ކުރިއެރުމެކެވެ. މީގެ އިތުރުން ބޭންކުގެ ޖުމްލަ އެސެޓް 55.8 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ފާއިތުވި އަހަރު އެކަނިވެސް 10 ބިލިއަން ރުފިޔާގެ ލޯނާއި ފައިނޭންސިން ވަނީ ދޫކޮށްފައެވެ. މި ބޮޑު ކާމިޔާބީތަކާއެކު އާންމުން ބޭންކަށް ކުރާ އިތުބާރު ބޮޑުވެ، މިދިޔަ އަހަރު 30,000 އަށްވުރެ ގިނަ އާ ކަސްޓަމަރުން ބޭންކާ ގުޅި، ޑިޕޮސިޓް ވަނީ %16 އިތުރުވެފައެވެ.

މިހާރުވެސް ރާއްޖޭގެ 18 އަތޮޅެއްގައި 42 ބްރާންޗާއި 179 ސެލްފް ސާވިސް ސެންޓަރާއެކު ފުޅާ ދާއިރާއެއްގައި ޚިދުމަތް ދެމުން އަންނަ ބީއެމްއެލް އިން ރާއްޖެއިން ބޭރަށް ނުކުތުމަށް ކުރާ މި މަސައްކަތަކީ އެ ބޭންކުގެ ތާރީޚުގައި ވެސް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.