ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 4 މިލިއަން ރުފިޔާއަށްވުރެ އަގުބޮޑު މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަނެފިއެވެ.
ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި މި ތަކެތި އަތުލައިގަނެފައިވަނީ މިދިޔަ އަންގާރަ ދުވަހު ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ކުރިއަށްގެންދިޔަ ޚާއްޞަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. މި އޮޕަރޭޝަނުގައި އަތުލައިގަތް މަސްތުވާތަކެތީގެ ބާވަތަކީ މެތަމްފެޓަމައިންއެވެ. އަދި އޭގެ ބަރުދަނުގައި ޖުމްލަ 2080 ގްރާމް (2 ކިލޯއަށްވުރެ ގިނަ) ހުރިކަމަށް އެ އިދާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ.
އަތުލައިގަނެވުނު މެތަމްފެޓަމައިންގެ މަގުމަތީ އަގު 4،160،000 (ހަތަރު މިލިއަން އެއްލައްކަ ފަސްދޮޅަސް ހާސް) ރުފިޔާއަށް އަރާކަމަށް ކަސްޓަމްސްއިން ބުނެއެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅުތައް އެޅުމަށް ސަރުކާރާއި ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ