ފިޠުރު ޢީދުގެ ޚުތުބާ: އެކުވެރިކަން އިސްކޮށް، ބައިބައިވުމުން ދުރުވުމަށް ގޮވާލައިފި

ފިޠުރު ޢީދުގެ ޚުތުބާ: އެކުވެރިކަން އިސްކޮށް، ބައިބައިވުމުން ދުރުވުމަށް ގޮވާލައިފި

Author
އަހުމަދު
20 މާރޗް 2026 11:14
0

މިއަހަރުގެ ފިޠުރު ޢީދު ނަމާދުގެ ޚުތުބާގައި، މުސްލިމުންގެ މެދުގައި އޮންނަންޖެހޭ އުޚުއްވަތްތެރިކަން ދަމަހައްޓައި، ޙަސަދަވެރިކަމާއި ބައިބައިވުމުން ދުރުހެލިވުމަށް މުޅި އިސްލާމީ އުންމަތަށް ގޮވާލައިފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި "ފިޠުރު ޢީދުގެ އުފަލާއި އަދަބުތައް" މި މައުޟޫޢުގެ ޚުތުބާގައި ބަޔާންކޮށްފައިވަނީ، 1447 ވަނަ އަހަރުގެ މި ބަރަކާތްތެރި ދުވަހަކީ މާތްﷲ ދެއްވި ހިދާޔަތަށް ޝުކުރުވެރިވެ، ތަކުބީރުގެ އަޑުން ފަޒާ ގުގުމާލަންވީ ދުވަސް ކަމަށެވެ. ރަމަޟާން މަސް އަހަރެމެންނާ ވަކިވެގެން ދިޔައީ އަޅުކަންތަކުގެ މައްޗަށް ހެކިދޭނެ ހެކިވެރިއެއްގެ ގޮތުގައިކަން ހަނދާންކޮށްދެމުން، އެ މަހަށްފަހު ވެސް ނަމާދުތަކަށް ރައްކާތެރިވެ ހެޔޮ އަމަލުކުރުންމަތީ ދެމިތިބުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

މީގެ އިތުރުން، އިސްލާމްދީނުގެ އެންމެ ބޮޑު އެއް އަމާޒަކީ ދީނީ ހަމަތަކުގެ މަތީގައި އުންމަތް އަޚުވަންތަކުރުންކަން ފާހަގަކޮށް، އެކަކު އަނެކަކަށް އިޙުތިރާމް ކުރުމަށާއި، މާތްﷲ ގެ ޙައްޤުތަކުގެ އިތުރުން މައިންބަފައިންނާއި އެހެނިހެން މީސްތަކުންގެ ޙައްޤުތައް އަދާކުރުމަށް ވަނީ ބާރުއަޅާފައެވެ. ހަމައެއާއެކު، ޢީދުގެ އުފާ ފާޅުކުރުމުގައި ވެސް ޝަރުޢީ މިންގަނޑުތަކުން ބޭރުނުވުމަށާއި، އިސްލާމީ ސަގާފަތާ ނުގުޅޭ ބީރައްޓެހި ކުޅިވަރުތަކަށް ޖާގަ ނުދިނުމަށް އިލްތިމާސްކޮށްފައިވެއެވެ.

ޚުތުބާ ނިންމާލަމުން ވަނީ، ރަމަޟާން މަހަށްފަހު ޝައްވާލު މަހުގެ ހަ ރޯދަ ހިފުމަށް ހިތްވަރުދީފައެވެ. އެއީ މުޅި އަހަރު ދުވަހު ރޯދަހިފުމުގެ މަތިވެރި ދަރުމަ ލިބިގެންދާނެ އަމަލެއްކަން ޚުތުބާގައި ބަޔާންކޮށްދީފައިވެއެވެ.

މިއަހަރުގެ ފިޠުރު ޢީދު ނަމާދު މާލޭގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޮށްފައިވާއިރު، ގިނަ ރަށްރަށުގައި ޢީދު ނަމާދު ކޮށްފައިވަނީ ބޮޑު ޖަމާޢަތުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.