އިރާގުގެ ކުރުދިސްތާން ސަރަޙައްދުގައި ހުންނަ ޔޫއޭއީގެ ކޮންސިއުލޭޓް ޖެނެރަލަށް އީރާނުން ދިން މިސައިލް އަދި ޑްރޯން ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މި ހަމަލާއަކީ ޑިޕްލޮމެޓިކް ގުޅުންތަކާ ބެހޭ ވިއެނާ މުއާހަދާއާ ފާޅުކަން ބޮޑު ގޮތެއްގައި ޚިލާފު ކަމެއް ކަމަށެވެ. ޑިޕްލޮމެޓިކް ތަންތަނުގެ ހިމާޔަތް ކަށަވަރުުކޮށް، އެފަދަ ހަމަލާތައް ހުއްޓާލުމަށް ރާއްޖެއިން ވަނީ ގޮވާލައިފައެވެ.
ހަމަލާ ދިނީ ހޯމަ ދުވަހުއެވެ. ބޭރުގެ ނޫސްތައް ބުނާ ގޮތުގައި، ފެބްރުއަރީ 28 ގައި ފެށުނު ހަނގުރާމައާ ގުޅިގެން، ރައްދުގައި ދެމުންދާ ހަމަލާތަކުގެ ތެރެއިން، އީރާނުން ވަނީ މެދުއިރުމަތީ ގިނަ ގައުމުތަކަށް ހަތިޔާރުގެ ހަމަލާތައް ދީފައެވެ.
ދިވެހި ސަރުކާރުން ވަނީ މި ދަތި ވަގުތުގައި ޔޫއޭއީގެ ސަރުކާރާއި ރައްޔިތުންނާއެކު ސާބިތުކަމާ ދެމިތިބޭނެ ކަމުގެ ޔަގީންކަން ދީފައެވެ. ގަލްފުގެ ގިނަ ގައުމުތަކުގެ ސަރުކާރުތަކުން ވެސް ވަނީ މި ހަމަލާ ކުށްވެރިކޮށްފައެވެ.
ކޮމެންޓު ފޮނުވާ