ޖަލު އޮފިސަރުންގެ އަމުރުތަކަށް ނުކިޔަމަންތެރިވާ ގައިދީންގެ އަތާއި ފައިގައި ބިޑިއެޅުވުމަށްފަހު، ވަރަށް ހޫނުގަދަ ސަރަހައްދުތަކުގައި އެކަހެރިކޮށް ބައިތިއްބާ މައްސަލައެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ފެންމަތިކޮށްފިއެވެ.
ބައިނަލްއަގްވާމީ އެންޓި-ޓޯޗާ މުއާހަދާގެ ދަށުން ރާއްޖޭގެ ޖަލުތަކުގެ ހާލަތު ބަލައި އެ ކޮމިޝަނުން ނެރުނު އަހަރީ ރިޕޯޓުގައި ބުނެފައިވަނީ، ފުލުހުންގެ ބެލުމުގެ ދަށުން ދޫނިދޫގައި ބައިތިއްބާ މީހުންގެ ތެރެއިން އޮފިސަރުންނަށް ނުކިޔަމަންތެރިވާ މީހުން ގޮޅިން ބޭރުގައި ވަކިން ބައިތިއްބާ ކަމަށެވެ. ޖަލުގެ މަސްލަހަތު ހިފެހެއްޓުމަށް މިފަދަ ވަގުތީ ފިޔަވަޅުތައް އެޅުމަށް ގަވާއިދު ހުއްދަކުރި ނަމަވެސް، އެ މީހުން ބައިތިއްބާ ތަންތަނަކީ މެންދުރުގެ ވަގުތުތަކުގައި އާދަޔާ ހިލާފަށް ހޫނުގަދަ ތަންތަންކަން ވަނީ ފާހަގަކޮށްފައެވެ.
އަދި ބައެއް ހާލަތްތަކުގައި ބަންދުގައި ތިބޭ މީހުންގެ އަތާއި ފައިގައި ކްލިޕް ބިޑި އެޅުވުމަށްފަހު ކުނަލެއްގެ މަތީގައި ގިނައިރުތަކެއް ވަންދެން ބާއްވާކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ. މިގޮތަށް ބައިތިއްބާއިރު ނަމާދުކުރުމަށާއި ފާހާނާކުރުމަށް ފުރުސަތު ދޭކަމަށް އޮފިސަރުން ބުނި ނަމަވެސް، އެކަންކަން ރެކޯޑުކޮށް ލޮގްކޮށްފައި ނުވާކަމީ ކޮމިޝަނުން އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ.
މީގެ އިތުރުންވެސް ޖަލުތަކާ ގުޅޭގޮތުން ގިނަ ކަންބޮޑުވުންތަކެއް އެޗްއާރްސީއެމްގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ރިމާންޑް އަދި ކަސްޓޯޑިއަލް ޖަލުތަކުގައި ބަންދުކޮށްފައި ތިބޭ މީހުންގެ އަދަދު އިތުރުވުމާއި، ބަލިމީހުންނަށް ސިއްހީ ފަރުވާ ލިބުން ލަސްވުން ހިމެނެއެވެ. ހަމައެހެންމެ، ޖަލުތަކުގައި މުވައްޒަފުން މަދުވުމާއި، މުހިންމު އުސޫލުތަކާއި އެސްއޯޕީތައް ހަދާފައި ނެތުމުގެ އިތުރުން، ދައުލަތުގެ މުއައްސަސާތަކުން ގާނޫނީ ޒިންމާ އަދާކުރުމަށް ބޭނުންވާ އެކަށީގެންވާ މަރުކަޒުތައް ގާއިމުކޮށްފައި ނެތުންވެސް އެ ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.
ކޮމެންޓު ފޮނުވާ