ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ޝަރަފުގައި ދެއްވި ރަސްމީ ޖާފަތުގައި ރައީސްގެ ދެކަނބަލުން ރޭ ބައިވެރިވެ ވަޑައިގެންފިއެވެ.
ޖާފަތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވަނީ، ދިވެހި ވަފުދަށް ސްރީލަންކާ ސަރުކާރާއި ރައްޔިތުން ވިދާޅުވި ހޫނު މަރުޙަބާއަށް ޝުކުރު އަދާ ކުރައްވާފައެވެ. ސްރީލަންކާއަކީ ދިވެހިރާއްޖެއާ ވަރަށް ގާތް، އިތުބާރު ހުރި އަވަށްޓެރި ޤައުމެއްކަމަށް ސިފަ ކުރައްވަމުން، ދެ ޤައުމުގެ ގުޅުމަކީ ތަޢުލީމީ އަދި ޞިއްޙީ ދާއިރާ ހިމެނޭ ގޮތަށް ދިގު ތާރީޚެއް އޮތް ބަދަހި ގުޅުމެއްކަން ވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
ޑިޖިޓަލް ޓްރާންސްފޯމޭޝަން، ދެމެހެއްޓެނިވި ފަތުރުވެރިކަން، އިއާދަކުރަނިވި ހަކަތަ، ތަޢުލީމު އަދި ކަނޑުތައް ޙިމާޔަތްކުރުން ފަދަ ދާއިރާތަކުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަން ވެސް ރައީސް ފާހަގަ ކުރެއްވިއެވެ. ޚާއްޞަކޮށް، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތައް ފަދަ ދެ ޤައުމަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ގުޅިގެން ވަކާލާތު ކުރުމަށް ވެސް ގޮވާލެއްވިއެވެ.
ދިވެހީންގެ ހިތްތަކުގައި ސްރީލަންކާ ރައްޔިތުންނަށް އޮތް ޤަދަރާއި އިޙްތިރާމަކީ ދެ ޤައުމުގެ ސިޔާސީ ގުޅުމުގެ ހަޤީޤީ ބާރު ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް ދެ ޤައުމުގެ އެކުވެރިކަން ވަރުގަދަ ވެގެންދާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެ ޤައުމުގެ ވަޒީރުންނާއި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި ޖާފަތުގައި ދެއްވާފައެވެ. 2026 މޭ 3 އިން 6 އަށް ކުރައްވާ މި ދަތުރުފުޅަކީ ރައީސްގެ ދެކަނބަލުން ސްރީލަންކާއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.
ކޮމެންޓު ފޮނުވާ