ރާއްޖޭގެ ގިނަ ސަރަހައްދުތަކެއްގައި ވައި ނުސާފުވެ ސިއްހަތަށް ނުރައްކާވާ މިންވަރަށް އަރާފައިވާތީ، ބޭރުގައި އުޅުން މަދުކޮށް، ބޭރަށް ނުކުންނަން ޖެހިއްޖެނަމަ ރަނގަޅު މާސްކެއް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުންނަށް އިލްތިމާސްކޮށްފި އެވެ.
އެޗްޕީއޭއިން އާންމުކުރި ވައިގެ ކޮލިޓީގެ ޗާޓުން ދައްކާ ގޮތުން، އެންމެ ބޮޑަށް ވައި ނުސާފުވެފައިވަނީ ވިލިމާލޭގަ އެވެ. އެ ސަރަހައްދުގެ އެއާ ކޮލިޓީ އިންޑެކްސް (އޭކިއުއައި) ހުރީ 170 ގަ އެވެ. މާލެއާއި ދ. ކުޑަހުވަދޫގައި 164، ށ. ފުނަދޫގައި 158، ކުޅުދުއްފުށީ ސިޓީގައި 155 އަދި ލ. ގަމުގައި 153 ގައި ހުރި އެވެ.
އޭކިއުއައި 150 އިން މައްޗަށް ދިޔުމުން ހުރިހާ އެންމެންގެ ސިއްހަތަށް ވެސް ނޭދެވޭ އަސަރު ކުރެވިދާނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެ. ހާއްސަކޮށް ކުޑަކުދިންނާއި، ދުވަސްވީ މީހުންނާއި، ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ މީހުން ބޮޑަށް ސަމާލުވުމަށް އެ އިދާރާއިން އިރުޝާދުދީފަ އެވެ.
ވައި ސާފުވާނދެން ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތުކުރުން ހުއްޓާލުމަށާއި، ނުސާފު ވައި ގެތެރެއަށް ނުވަންނާނެ ގޮތަށް ދޮރުތަކާއި ކުޑަދޮރުތައް ލައްޕާލުމަށް ވެސް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެ އެވެ. އަދި ގޭތެރޭގައި އެއާ ޕިއުރިފަޔާ ބޭނުންކުރުމަށް ވެސް އެ އިދާރާއިން ލަފާދީފަ އެވެ.
ކޮމެންޓު ފޮނުވާ