ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކާއި އިގުތިސާދީ މަރުކަޒުތަކަށް ހޫތީ ޖަމާއަތުން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި ބަސްތަކުން ކުށްވެރިކޮށްފި އެވެ.
ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެންމެ ފަހުން ދިން ހަމަލާގެ ސަބަބުން ކިންގް އަބްދުﷲ ފައިނޭންޝަލް ޑިސްޓްރިކްޓަށް މާއްދީ ގެއްލުންތައް ލިބިފައިވާ ކަމަށެވެ. މި ހަމަލާތަކަކީ ސައުދީ އަރަބިއްޔާގެ ސިޔާދަތަށް އަރައިގަތުމެއް ކަމަށާއި، ބައިނަލްއަގުވާމީ ގާނޫނާއި އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ ގާނޫނާ ހިލާފު އަމަލުތަކެއް ކަމަށް ސަރުކާރުން ފާހަގަކޮށްފައިވެއެވެ. އަދި އާންމުންގެ ފުރާނައަށް ނުރައްކާވާ ފަދަ މި ހަމަލާތައް ވަގުތުން ހުއްޓާލުމަށް ރާއްޖެއިން ގޮވާލާފައިވެއެވެ.
ސައުދީ ސަރުކާރާއި އެ ގައުމުގެ ރައްޔިތުންނާއެކު ރާއްޖެ އަބަދުވެސް ސާބިތުވެ ތިބޭނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި އެ ގައުމުގެ ސިޔާދަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި ދެ ހަރަމްފުޅު ހިމާޔަތްކުރުމަށް އަޅާ ފިޔަވަޅުތަކަށް ރާއްޖޭގެ ފުރިހަމަ ތާއީދު ލިބޭނެ ކަމުގެ ޔަގީންކަން ވެސް ހާރިޖީ ވުޒާރާއިން ދީފައިވެއެވެ.
ކޮމެންޓު ފޮނުވާ