މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު މިއަދު ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.
ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި މި ގަރާރު މަޖިލީހުގެ ތަޅުމުން ބޭރުކޮށްލީ 33 މެމްބަރުންގެ ވޯޓުންނެވެ. މި ގަރާރު ބަލައިގަތުމަށް ވޯޓު ދެއްވީ އެންމެ 8 މެމްބަރުންނެވެ.
މި ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު ވަނީ 21 އިންސައްތަ ދަށަށް ގޮސްފަ އެވެ. އެގޮތުން ދުވާލެއްގެ މައްޗަށް އެވަރެޖުކޮށް އަންނަ 8،000 ފަތުރުވެރިންގެ އަދަދު 4،000 އާއި 5،000 އާ ދެމެދަށް ވެއްޓިފައިވާއިރު، ދުވާލަކު ދެހާހެއްހާ ބުކިން އަންނަނީ ކެންސަލް ވަމުންނެވެ. މީގެ ސަބަބުން ރިސޯޓުތަކާއި ގެސްޓުހައުސްތަކުގެ އާމްދަނީ އާއި މުވައްޒަފުންނަށް ލިބޭ ސާވިސް ޗާޖު ވަރަށް ބޮޑަށް ދަށްވެ، މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކާ ވަނީ ކުރިމަތިވެފަ އެވެ.
ފަތުރުވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ މި މާލީ އަނދަވަޅުން ސަލާމަތްވުމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް އެޅުމަށް މި ގަރާރުގައި ސަރުކާރަށް ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި، ވިޔަފާރިތައް ހިންގުމަށާއި މުވައްޒަފުންނަށް މުސާރަ ދިނުމަށް 'ވޯކިން ކެޕިޓަލް ލޯން' ނުވަތަ 'އިންކަމް ސަޕޯޓް އެލަވަންސް' ތައާރަފްކުރުމާއި، ލޯނުތައް އަނބުރާ ދެއްކުން ހަ މަސްދުވަހަށް ފަސްކޮށްދޭ އިންޓްރެސްޓް-ފްރީ މޮރަޓޯރިއަމްއެއް ތައާރަފްކުރުން ހިމެނެ އެވެ.
މީގެ އިތުރުން، ބޭންކް އޮފް މޯލްޑިވްސް ފަދަ މުއައްސަސާތައް މެދުވެރިކޮށް ފަސޭހައިން އަދި އަވަހަށް ލުއި ލޯނު ލިބޭނެ މަގުފަހިކޮށްދިނުމާއި، ކަރަންޓާއި ތެލުގެ ހަރަދުތަކަށް ޔުޓިލިޓީ ސަބްސިޑީ ދިނުމަށް ވެސް ގޮވާލާފައިވެ އެވެ. އަދި ރިސޯޓު ކުއްޔާއި، އެއާޕޯޓު ޗާޖުތަކާއި ލައިސެންސް ފީ ފަދަ ހަރަދުތައް ކުޑަކޮށްދިނުމުގެ އިތުރުން، ޓީޖީއެސްޓީ އާއި ކޯޕަރޭޓް އިންކަމް ޓެކްސް ދެއްކުން ވަގުތީ ގޮތުން ފަސްކޮށްދިނުމަށް ވެސް މެމްބަރު މައުރޫފް ހުށަހެޅުއްވި ގަރާރުގައި ވަނީ ހިމަނާފަ އެވެ.
ކޮމެންޓު ފޮނުވާ