އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވެރިކަންކުރާ ހިންދޫ ނޭޝަނަލިސްޓް ޕާޓީން، އިދިކޮޅު ފަރާތްތަކުގެ ބާރު އޮންނަ ސްޓޭޓެއް ކަމަށްވާ ވެސްޓް ބެންގޯލްގައި ބޭއްވި މުހިންމު އިންތިޚާބު ހޯމަ ދުވަހު ކާމިޔާބުކޮށްފިއެވެ.
އިންޑިއާގެ އިލެކްޝަން ކޮމިޝަނުން އާންމުކުރި ވަގުތީ ނަތީޖާތައް ދައްކާގޮތުން، 294 ގޮނޑީގެ މައްޗަށް އެކުލެވޭ ވެސްޓް ބެންގޯލް އެސެމްބްލީގެ މަދުވެގެން 124 ގޮނޑި ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން ވަނީ ކާމިޔާބުކޮށްފައެވެ. އަދި އިތުރު 83 ގޮނޑީގެ ކުރީގައި އުޅެނީވެސް އެ ޕާޓީއެވެ. ފަހު ނަތީޖާ ހޯމަ ދުވަހުގެ ހަވީރު ލިބޭނެ ކަމަށް ބެލެވެއެވެ.
މިއީ ޗީފް މިނިސްޓަރ މަމަތާ ބެނަރޖީ އިސްވެ ހުންނަވައިގެން ހިންގާ އޯލް އިންޑިއާ ތްރިނަމޫލް ކޮންގްރެސްގެ ސަރުކާރު ބަލިކުރުމަށް އެތައް އަހަރަކު މަސައްކަތްކުރި މޯދީގެ ޕާޓީއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. ބީޖޭޕީން މީގެ ކުރިން ދުވަހަކުވެސް ސިޔާސީ ގޮތުން ނުފޫޒުގަދަ ވެސްޓް ބެންގޯލްގައި ވެރިކަންކޮށްފައެއް ނުވެއެވެ. މޯދީއަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ ބެނަރޖީ ވަނީ 2011 ވަނަ އަހަރުން ފެށިގެން މި ސްޓޭޓްގެ ވެރިކަން ކުރައްވާފައެވެ.
އިލެކްޝަން ކޮމިޝަނުން އެތައް މިލިއަން ބައެއްގެ ނަން ވޯޓުލާ މީހުންގެ ލިސްޓުން އުނިކުރުމާ ގުޅިގެން އިދިކޮޅު ޕާޓީތަކުން ވަނީ ވެސްޓް ބެންގޯލްގެ އިންތިޚާބަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
މިފަހަރުގެ އިންތިޚާބުގައި އިތުރު ތިން ސްޓޭޓަކުންވެސް ބައިވެރިވިއެވެ. 1.4 ބިލިއަނަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ އިންޑިއާގައި 28 ސްޓޭޓާއި 8 ފެޑެރަލް ޓެރިޓަރީ އޮވެއެވެ.
އިންޑިއާގެ އިދިކޮޅު ފަރާތްތަކަށް ގޮންޖެހުންތަކެއް
ވެސްޓް ބެންގޯލްގެ ނަތީޖާގެ ސަބަބުން މޯދީގެ މަޤާމު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ބެލެވެއެވެ. 2024 ވަނަ އަހަރުގެ ޤައުމީ އިންތިޚާބުގައި ސަރުކާރު އެކުލަވާލުމަށް އޭނާގެ ޕާޓީއަށް ޖެހުނީ ސަރަޙައްދީ އެހެން ޕާޓީތަކަށް ބަރޯސާވާށެވެ. 2029 ވަނަ އަހަރު ރެކޯޑް ހަތަރުވަނަ ދައުރަކަށް އޭނާ ކުރިމަތިލައްވާނެ ކަމަށް ބެލެވެއެވެ.
ނިއު ދިއްލީގައި ހުންނަ ބީޖޭޕީގެ މައި އޮފީހުގައި ސަޕޯޓަރުންނާ މުޚާތަބުކުރައްވައި މޯދީ ވިދާޅުވީ، މާޒީގައި އެ ޕާޓީއަށް ކުރިއެރުން ހޯދަން އުނދަގޫވި ސްޓޭޓެއްގައި ޕާޓީގެ މަޤްބޫލުކަން އިތުރުވަމުންދާކަން މި ނަތީޖާއިން ދައްކައިދޭ ކަމަށެވެ.
"ބެންގޯލްގެ މުސްތަޤުބަލަށް އާ ސަފުހާއެއް އިތުރުވެއްޖެ،" އުފާފާޅުކުރަމުންދިޔަ މީހުންނާ މުޚާތަބުކުރައްވައި މޯދީ ވިދާޅުވިއެވެ.
މުޅި ޤައުމުގައި ބީޖޭޕީގެ ބާރުގަދަކަމާ ދެކޮޅަށް އެކުވެރި އަދި ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރުމަށް އިންޑިއާގެ އިދިކޮޅު ފަރާތްތަކަށް ވަނީ ދަތިތަކަކާ ކުރިމަތިވެފައެވެ.
ބީޖޭޕީއާ ދެކޮޅަށް ސަރަޙައްދީ ޕާޓީތައް އެއްބައިކުރުމުގައި އިސް ދައުރެއް އަދާކުރައްވަން ފެށްޓެވި ފަހުން ބެނަރޖީ ވެފައިވަނީ މޯދީގެ އެންމެ ބޮޑު އެއް ވާދަވެރިޔާއަށެވެ. އޭނާއަށް ލިބުނު މި ނާކާމިޔާބީގެ ސަބަބުން، ސަރަޙައްދީ ބާރުވެރިކަމުގެ ކޯޅުންތަކާހުރެ ކުރިންވެސް ބައިބައިވެފައިވާ އިދިކޮޅު އިއްތިޙާދުގެ ތެރޭގައި އޭނާގެ ނުފޫޒު ކުޑަވެގެންދާނެ ކަމަށް ބެލެވެއެވެ.
ކޮމެންޓު ފޮނުވާ