ކުދި ގައުމުތަކުގެ ހައްގުގައި ރާއްޖެއާއި ލަންކާއިން ގުޅިގެން އަޑުއުފުލުމަށް ރައީސް ގޮވާލައްވައިފި

ކުދި ގައުމުތަކުގެ ހައްގުގައި ރާއްޖެއާއި ލަންކާއިން ގުޅިގެން އަޑުއުފުލުމަށް ރައީސް ގޮވާލައްވައިފި

Author
އަހުމަދު
05 މެއި 2026 10:18
0

ކުދި ގައުމުތައް ދެމިއޮތުމުގެ ހައްގާއި ކުރިއެރުމަށް ފުރުސަތު ހޯދުމަށް ރާއްޖެއާއި ސްރީލަންކާ ގުޅިގެން މަސައްކަތްކޮށް އަޑުއުފުލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

ރައީސް މިކަމަށް ގޮވާލެއްވީ، އެމަނިކުފާނު މިހާރު ލަންކާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ރޭ ދެއްވި ޚާއްސަ ފަރިއްކޮޅެއްގައި ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މޫސުމީ ބަދަލުތަކެވެ. އަދި މިއީ ހަމައެކަނި ދުރު މުސްތަޤުބަލެއްގައި ހާސްވާންޖެހޭ ބިރެއް ނޫން ކަމަށާއި، މިއީ ކޮންމެ ދުވަހަކުވެސް ތަޙައްމަލުކުރަންޖެހިފައިވާ ޙަޤީޤަތެއްކަމަށް ވިދާޅުވިއެވެ. އެހެންކަމުން މޫސުމީ އިންސާފު ހޯދުމަށާއި ކުދި ގައުމުތަކުގެ ހައްގުތައް ކަށަވަރުކުރުމަށް ދެ ޤައުމު އެކުގައި ސާބިތުވެ ތިބުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އައު އީޖާދުތަކާއި، ވިލުންވެރިކަން އިތުރުކުރުމާއި، ބައިނަލްއަޤުވާމީ މައިދާނުގައި ގުޅިގެން ވަކާލާތުކުރުމުގެ ތެރެއިން ދެ ޤައުމުގެ ނާޒުކު ޙާލަތު ވަރުގަދަ ބާރަކަށް ބަދަލުކުރަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. ތަޢުލީމީ، ޞިއްޙީ އަދި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމުގައި ލަންކާއިން ހޯދާފައިވާ ބޮޑެތި ކުރިއެރުންތަކަކީ ރާއްޖެއިން އަބަދުވެސް ނަމޫނާއެއްގެ ގޮތުގައި ދެކޭ ކަންތައްތަކެއްކަން ފާހަގަކުރައްވައި، ކުރިމަގުގައި މި ދާއިރާތަކުން ޒުވާނުން ބާރުވެރިކޮށް މުޖުތަމަޢު ކުރިއެރުވުމަށް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އުންމީދުކުރައްވާ ކަމަށްވެސް ރައީސް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.